ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ.

މިދިޔަ މަހުގެ 06 ވަނަ ދުވަހު ދަންވަރު، ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ ކަރެކްޝަން ސާވިސްގެ މުވައްޒަފެކެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން ޒުވާނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ 15 ވަރަކަށް މިނެޓް ތެރޭގައި މަރުވެފައި ވާއިރު، މި މައްސަލަ އާ ގުޅިގެން ހަމައެރޭ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމް ސިދްގީ (26އ) އެވެ. މި މައްސަލަ ފުލުހުން ތަހުގީގުކޮށް، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

މިދިޔަ މަސްތެރޭގައި މާލެ ސަރަހައްދުގައި ނުރައްކާތެރި ގިނަ އެކްސިޑެންޓުތަކެއް ހިނގާފައި ވާއިރު، މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.