ފަހަތުން އަރާ ބްރެންޓްފޯޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑާ ކޯޗު އެރިކް ޓެން ހާގްއަށް ހަމަޖެހިލާނެ ފުރުސަތެއް ލިބިއްޖެއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް ލިބުނު ކޯނަރަކުން ބްރެންޓްފޯޑް ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޑިފެންޑަރު ޕިނޮކްއެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވި ޔުނައިޓެޑް އިތުރު ޕްރެޝަރަށް ވެއްޓުނު ނަމަވެސް ދެވަނަ ހާފްގައި އެޓީމުން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އަދި ދެވަނަ ހާފް ފެށިތާ މާ ގިނަ އިރެއް ނުވެ މެޗުގެ ނަތީޖާ ޔުނައިޓެޑުން ހަމަހަމަކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މާކަސް ރަޝްފޯޑްގެ ހުރަހަކުން އެލިހަންޑްރޯ ގަނާޗޯއެވެ.
ދެން ވެސް ލަނޑެއް ޖެހީ ޔުނައިޓެޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފޯވަޑް ރަސްމަސް ހޮއިލެންޑެވެ. ޔުނައިޓެޑަށް އިތުރު ލަނޑު ޖަހާނެ ފުރުސަތު ލިބުނު ނަމަވެސް މިމެޗު ނިމުނީ 2-1 އިން އެޓީމު މޮޅުވެގެންނެވެ.
މި މޮޅާއެކު ޔުނައިޓެޑް މިވަނީ ތާވަލުގެ 10 ވަނައަށް އަރާފައެވެ.
މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު އެސްޓަން ވިލާ ވެސް ވަނީ ފަހަތުން އަރާ ފުލްހަމް ބަލިކޮށްފައެވެ. މިގޮތުން، އެޓީމުން ފުލްހަމް ބަލިކުރީ 1-4 އިންނެވެ.
އަނެއްކޮޅުން ބްރައިޓަން 1-0 އިން ނިއުކާސަލް ބަލިކުރި އިރު އެވަޓަން ވަނީ 2-0 އިޕްސުވިޗްގެ މައްޗަށް ކުރި ހޯދާފައެވެ.
މެޗުގެ 64 ވަނަ މިނެޓާ ހަމައަށް 2-0 އިން ކުރީގައި އޮތް ސައުތްހެމްޓަން 3-2 އިން ބަލިކޮށް ލެސްޓާ ވަނީ ތާވަލުގެ 13 ވަނައަށް ޖެހިލާފައެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ޓޮޓެންހަމް ވަނީ 4-1 އިން ވެސްޓް ހޭމް ބަލިކޮށްފައެވެ.