މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން 'އެމްއޭސީއެލް ކެރިއާ 2024'ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ގާޒީ ސްކޫލްގައި ފެށި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އޭވިއޭޝަން ދާއިރާ އާއި އެއާޕޯޓު އޮޕަރޭޝަންސްގައި ހުރި ތަފާތު ފުރުސަތުތަކާ ބެހޭ ގޮތުން ދަރިވަރުންނަށް ކެރިއާ ގައިޑެންސް އާއި އެކަމާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމް ފަށްޓަވާދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ މުވައްޒަފުންގެ ނިސްބަތައް ބަލާނަމަ އެއީ އެންމެ ބޮޑު ކުންފުނި ކަމަށެވެ. އެހެންކަމުން އެ ކުންފުނިން ހަރަކާތްތެރިވާ ހުރިހާ ދާއިރާއެއްގައި ހުރި ފުރުސަތުތައް އޮޅުންފިލުވައިދީ ދަރިވަރުން އެކަންކަމަށް އަހުލުވެރި ކުރުމަކީ މުހިންމު ކަމެއް ކަމަށް ދެކި ވަޑައިގަންނަވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި އެންމެ ދެކުމަށް ބޭނުންވެވަޑައިގަންނަވާ ދުވަހަކީ އެ ކުންފުނީގެ ހުރިހާ ވަޒީފާއެއްގައިވެސް ދިވެހިން ތިބޭ ދުވަސްކަން ފާހަގަ ކުރައްވާ ޝަރީފް އިތުރަށް ވިދާޅުވީ މިހާރުވެސް އެމްއޭސީއެލްގެ މުވައްޒަފުންގެ 90 އިންސައްތައަށްވުރެ ގިނައީ ދިވެހިންކަމަށެވެ. އެމްއޭސީއެލް ފަދަ ބޮޑު ކުންފުންޏެއްގައި ހުރި ފުރުސަތުތައް ސްކޫލު ނިންމާ ދަރިވަރުންނަށް އެނގިފައި އޮތުމަކީ އިޖްތިމާއީ ގޮތުން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލް ކެރިއާ 2024 ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމް ފެށުމަށް ގާޒީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

ހަމައެހެންމެ އެ ކުންފުނިން ވަރަށް އަވަހަށް އިންޓާންޝިޕަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާނެކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އިންޓާންޝިޕް ފުރިހަމަ ކުރާ ކުދިންގެ ތެރެއިން ގިނަ ކުދިންނަށް ދާއިމީ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

ގާޒީ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ޕްރިންސިޕަލްގެ އިތުރުން ދަރިވަރުންނާ، ބެލެނިވެރިން އަދި މުދައްރިސުން ވެސް ވަނީ ބައިވެރިވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން ސްކޫލްތަކުގައި ވެސް މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.