އޮކްޓޯބަރު މަހުގެ އިންޓަނޭޝަނަލް ބްރޭކަށް ފަހު އިންގްލިޝް ޕްރިމިއާ ލީގުގެ މެޗުތައް މިއަދު އަލުން ފަށާނެއެވެ. މިގޮތުން، މިއަދު ލީގުގައި 7 މެޗު ކުޅޭ އިރު މާދަމާ އިތުރު ދެ މެޗު ކުޅޭނެއެވެ.
މިއަދު ކުޅޭ މެޗުތަކަށް ބަލާ އިރު ރާއްޖޭ ގަޑިން ހަވީރު 4:30 ގައި ޓޮޓެންހަމް ވެސްޓްހޭމްއާ ދެކޮޅަށް ނިކުންނާނެއެވެ. ތާވަލުގެ 9 ވަނައިގައި އޮތް ޓޯޓެންހަމް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ބްރައިޓަން އަތުން 3-2 އިން ބަލިވި ނަމަވެސް އެޓީމު މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެވެ. ތާވަލުގެ 12 ވަނައިގައި އޮތް ވޭސްޓްހޭމް ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ 2 މެޗުންނެވެ.
މިރޭ ރާއްޖޭ ގަޑިން ރޭގަނޑު 7 ޖަހާ އިރު ލީގުގެ 5 މެޗެއް ކުޅޭނެއެވެ. މީގެ ތެރޭގައި ރަނގަޅު ނަތީޖާއަކަށް އިންތިހާއަށް ބޭނުންވެފައިވާ މެންޗެސްޓާ ޔުނައިޓެޑާ ބްރެންޓްފޯޑް ކުޅޭ މެޗުވެސް ހިމެނެއެވެ. ޔުނައިޓެޑުން ލީގުގައި އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރޭއިން އެޓީމުން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް 4 މެޗުގެ ތެރެއިން 2 މެޗުން އެއްވަރުވި އިރު އަނެއް 2 މެޗުން ވީ ބައްޔެވެ.
މި ސީޒަންގައި ލީގު ތައްޓަށް ވާދަކުރާނެ ކަމަށް ޓީމުގެ މެނޭޖްމަންޓުން ބުނި ޔުނައިޓެޑުން މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ. އެޓީމާ ދެކޮޅަށް މިރޭ ނިކުންނަ ބްރެންޓްފޯޑް އޮތީ ތާވަލުގެ 11 ވަނައިގައެވެ.
ރޭގަނޑު 7 ޖަހާ އިރު ކުޅޭ އެހެން މެޗުތަކަށް ބަލާ އިރު ފުލްހަމް އެސްޓަންވިލާއާ ދެކޮޅަށް ނިކުންނަ އިރު އިޕްސުވިޗް ޓީމު ކުޅޭނީ އެވަޓަންއާއެވެ. ނިއުކާސަލް އަދި ބްރައިޓަން ވާދަކުރާ މެޗު ފޯރިގަދަވާނެ ކަމަށް ބެލެވޭ އިރު ސައުތްހެމްޓަން ނިކުންނާނީ ލެސްޓާއާ ދެކޮޅަށެވެ.
މިރޭގެ ފަހު މެޗުގައި ފެނިގެންދާނީ ލީގުގެ ތިންވަނައިގައި އޮތް އާސަނަލްއާ ބޯންމޮތްގެ ކުރިމަތިލުމެކެވެ. ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އާސަނަލްއަށް މިއަދުގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތް އިރު ބޯންމަތުގެ ދަނޑުގައި ކުޅޭ މިމެޗު އޮތީ މިރޭ ރާއްޖޭ ގަޑިން 9:30 ގައެވެ.