ހަމާސްގެ އިސް ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަ ކޮށްލެވިފައި ވާ ކަމަށް ޔަހޫދީ އިޒްރޭލުން ބުނެފިއެވެ.
ގާޒާގައި އިއްޔެ ޝަހީދުކޮށްލި ތިން މުޖާހިދުންގެ ތެރެއިން އެކަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރައްވަމުމުން ގެންދަވާ ހަމާސްގެ ލީޑަރު ސިންވާރު ކަމަށް އިޒުރޭލުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ނަމަވެސް ޝައްކެއް ނެތް މިންވަރަށް އެކަން ޔަގީން ކުރުމަށްޓަކައި ޑީއެންއޭ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވެސް ވަނީ ބުނެފައެވެ.
އިޒްރޭލުގެ ބައެއް ނޫސްތަކުން ދަނީ ސިންވާރު ކަމަށް ބުނާ މީހެއްގެ ފޮޓޯތައްވެސް ދައުރުކުރަމުންނެވެ. އެ ފޮޓޯތަކުން ފެންނަ މީހާގެ ބޮލަށާއި މޫނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު ސިންވާރުގެ މޫނާ ވައްތަރު ގޮތެއް ހުރެއެއެވެ.
ސިންވާރު ހަމާސްގެ ލީޑަރު ކަމަށް އައްޔަން ކުރީ އެ ޖަމާއަތުގެ އެންމެ އިސް ލީޑަރު އިސްމާއީލް ހަނިއްޔާ މިދިޔަ ޖުލައި ގައި އަވަހާރަ ކޮށްލުމާ އެކުއެވެ. އެއާއެކު ސިންވާރުވެސް އަވަހާރަކޮށްލުމަށް އިޒްރޭލުގެ ހާރިޖީ ވަޒީރު ވަނީ މީގެ ކުރިން ގޮވާލާފައެވެ. އިޒްރޭލުގެ ހާރިޖީ ވަޒީރު ބުނި ގޮތުގައި އެއީ ބިންމަތިން ހަމާސް ފުހެލުމަށްޓަކައި ކުރަން ޖެހޭ ވަރުގަދަ މަސައްކަތެކެވެ.
ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ ހުސްވި ޖުލައި މަހު އީރާނުގެ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގެން ތެހެރާންގައި ހުންނަވަނިކޮށެވެ.
އޮކްޓޯބަރު 7, 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދިނުމުގެ އިސް މޭސްތިރިއަކީވެސް ސިންވާރު ކަމަށް އިޒްރޭލުން ބުނާ އިރު, މިއަދާ ޖެހެންދެންވެސް ސިންވާރު އާންމުކޮށް ފެނިފައެއް ނުވެއެވެ.
އެ ހަނގުރާމައިގައި 40,000 މީހުން މިހާރުވެސް ޝަހީދު ކޮށްލާފައި ވާ އިރު, ހަމާސް އާއި އިޒްރޭލު ސުލްހަ ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާތަކުގައި ހަމާސް ތަމްސީލު ކުރައްވަމުން ގެންދެވީ ހަނިއްޔާއެވެ.