2010 ވަނަ އަހަރު އުފެދުނު މަޝްހޫރު ބޭންޑް ވަން ޑިރެކްޝަންގެ ލަވަކިޔުންތެރިޔާ ލިއަމް ޕޭން އުމުރުން 31 އަހަރުގައި މަރުވެއްޖެއެވެ.

ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ލަވަކިޔުންތެރިޔާ ލިއަމް މަރުވީ ބްވެނޮސް އައިރިސްގައި ހުރި ހޮޓަލެއްގެ ތިން ވަނަ ފްލޯއިން ވެއްޓިގެން ކަމަށެވެ. ޕަލެމޯރޯ ނެއިބާހުޑްގެ ކޮސްޓަރިކާ ސްޓްރީޓްގައި ހުރި ހޮޓަލަކުން ވެއްޓި ލިއަމް މަރުވީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ބުދަ ދުވަހުގެ މެންދުރުފަހު 14 ބީ ފުލުސް ސްޓޭޝަނުގެ މުވައްޒަފުން ހޮޓަލަށް ދިޔައީ މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހަކު މަތިން ވެއްޓިގެން އުޅޭކަމުގެ ހަބަރު 911 އިން ދިނުމުންނެވެ. ފުލުހުންގެ ބަޔާނުގައި އެ މީހަކީ ލިއަމް ކަމަށް ބަޔާންކޮށްފައެއްނުވެއެވެ.

ޓިކްޓޮކްގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅޭ ޕޭން ވަނީ ދާދިފަހުން އާޖެންޓީނާގައި އޮތް އޭނާގެ ބޭންޑް މެންބަރު ނައިލް ހޯރަންގެ ކޮންސެޓްގައިވެސް ބައިވެރިވެފައެވެ. އަދި ނައިލް އާއެކު ނަގާފައިވާ ފޮޓޯތަކެއްވެސް ޕޭން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާ މަރުވިއިރު އޭނާގެ ކުރީގެ ލޯބިވެރިޔާ މާޔާ ދިޔައީ ސޯޝަލް މީޑިއާގައި ޕޭން ބޭޒާރުކުރަމުންނެވެ. އެކަމާ ގުޅިގެން ޕޭންއަށް ފޭނުން ނަފްރަތުކުރަމުން ދިޔައެވެ. ޕޭން މަރުވިއިރު އޭނާގެ އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.

ވަން ޑިރެކްޝަން އިން އުފެދުނު ލަވަކިޔުންތެރިޔާ ލިއަމް ވަނީ ގިނަ ބައެއްގެ ތާއީދާ ލޯބި ހޯދާފައެވެ. އިނގިރޭސި މަޝްހޫރު ޓީވީ ޝޯ "ދަ އެކްސް ފެކްޓަރ" އިން 2010 ވަނަ އަހަރު ތައާރަފްވި ވަން ޑައިރެކްޝަން ބޭންޑަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބޭންޑެކެވެ. މި ބޭންޑުގައި ލިއަމްގެ އިތުރުން ހަރަކާތްތެރިވާ ލަވަކިޔުންތެރިންނަކީ ޒޭން މާލިކް، ހެރީ ސްޓައިލްސް، ލުއީ ޓޮމްލިންސަން އަދި ނައިލް ހޯރަން އެވެ. 2015 ވަނަ އަހަރު ބޭންޑުގެ މަސައްކަތްތައް މެދުކަނޑާލިފަހުން ލަވަކިޔުންތެރިން ވަނީ އެމީހުންގެ ސޯލޯ ކެރިއަރު ފަށާފައެވެ. ލިއަމްގެ މަރުގެ ހަބަރާއެކު ފޭނުން ޝޮކެއްގައި ތިބިއިރު ބައެއް ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންނެވެ.