ގާތް އެކުވެރިޔާ ލިއަމް ޕޭންގެ ކުއްލި މަރާ ގުޅިގެން މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އޭނާގެ ޓުއާ ފަސްކޮށްފިއެވެ.
އިންސްޓަގްރާމް ސްޓޯރީގައި މިވާހަކަ ހިއްސާކުރަމުން ލަވަކިޔުންތެރިޔާ ބުނީ މި ހަފްތާތެރޭ އޭނާއަށް ތަޖުރިބާ ކުރަން ޖެހުނު ހިތްދަތިކަމަށް ފަހު ނިންމާފައި ވަނީ "ސްޓޭއަވޭ ޓު ދަ ސްކައި" ޓުއާގެ އެމެރިކާގެ ލެގް ފަސްކުރުމަށެވެ. އަދި މި ޓުއާ ދެން ފެށޭނީ އަންނަ ޖެނުއަރީ މަހު ކަމަށްވެސް ޒޭން ވަނީ ބުނެފައެވެ. ޒޭން ބުނީ ޓުއާގެ ކަންތައްތައް ހަމައަކަށް އެޅުވުމަށްފަހު އާންމުންނަށް އެކަމުގެ މައުލޫމާތު އަވަސް މުސްތަގްބަލެއްގައި ދޭނެ ކަމަށެވެ. އަދި މި ހިތްދަތި ވަގުތުގައި ފޭނުންގެ ސަޕޯޓަށް ޝުކުރުއަދާކުރާ ކަމަށްވެސް ޒޭން ވަނީ ބުނެފައެވެ.
2010 ވަނަ އަހަރު އުފެދުނު މަޝްހޫރު ބޯއީ ބޭންޑް "ވަން ޑިރެކްޝަން" ގެ މެންބަރު ލިއަމްގެ ކުއްލި މަރާއެކު ވަން ޑިރެކްޝަންގައި އޭނާ އާއެކު އުޅުނު ހަތަރު މެންބަރުން ވެސް ވަނީ އިންސްޓަގްރާމްގައި އަސަރުގަދަ ޕޯސްޓުތަކެއް ހިއްސާ ކޮށްފައެވެ. ޓީނޭޖް އުމުރުން ފެށިގެން އެކުއެކީގައި އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ބޭންޑް ވަން ޑިރެކްޝަންގެ މެންބަރުންނަކީ ލިއަމް، ހެރީ ސްޓައިލްސް، ލުއީ ޓޮމްލިންސަލް އަދި ނައިލް ހޯރަން އެވެ. ޒޭން ވަނީ ވަން ޑިރެކްޝަން ބްރޭކެއް ނެގުމުގެ ދުވަސްކޮޅެއް ކުރިން ބޭންޑުން ވަކިވެފައެވެ.
ލިއޭމްގެ މަރާ ގުޅިގެން ޒޭން އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވަނީ ލިއޭމް ދެކެ އޭނާވާ ލޯބި ހާމަކޮށްދީފައެވެ. އަދި އޭނާއަށް ގެއްލިގެން ދިޔައީ ލޯބިވާ ކޮއްކޮއެއް ކަމަށް ވަނީ ބުނެފައެވެ.
އިނގިރޭސި މަޝްހޫރު ޓީވީ ޝޯ "ދަ އެކްސް ފެކްޓަރ" އިން 2010 ވަނަ އަހަރު ތައާރަފްވި ވަން ޑައިރެކްޝަން ބޭންޑަކީ އާންމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ބޭންޑެކެވެ. 2015 ވަނަ އަހަރު ބޭންޑުގެ މަސައްކަތްތައް މެދުކަނޑާލި ފަހުން ލަވަކިޔުންތެރިން ވަނީ އެމީހުންގެ ސޯލޯ ކެރިއަރު ފަށާފައެވެ.