ވަން ޑިރެކްޝަން ބޭންޑުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ލިއަމް ޕޭންގެ މަރާ ގުޅިގެން، ލިއަމް މަރުވި ރޭ ހުރި ހޮޓަލުގެ މުވައްޒަފުންނަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބޭރުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ލިއަމް މަރުވި ރޭ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އަދި އެންޓި ޑިޕްރެސިން ބޭސްތަކެއް ކައިގެން ކަމަށެވެ. މަސްތުގެ ހާލަތުގައި ހުރުމުގެ ސަބަބުން އޭނާ ހުރި ހޮޓަލަށް ގެއްލުން ދީފާނެކަމަށް ބެލެވޭތީ ލިއަމް ކޮޓަރިއަށް ވަނުމުން އޭނާއަށް ބޭރަށް ނުނިކުމެވޭ ގޮތަށް ހޮޓަލް ރޫމް ތަޅުލާފައި ބެހެއްޓިކަމަށް ހަބަރުތައް ބުނެއެވެ. އަދި ލިއަމް ބެލްކަނިން ވެއްޓުނީ އޭނާ ހޮޓަލުން ނުކުންނަން ފައިބަން އުޅުމުގެ ތެރޭގައި ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އުމުރުން 31 އަހަރުގެ ލިއަމް މަރުވީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އަރިރެސްގައި ހުންނަ ހޮޓަލެއްގެ ތިންވަނަ ފުލޯއިން ވެއްޓިގެންނެވެ. އެއީ މިދިޔަ މަހު 16 ގަ އެވެ.

ލިއަމް ބެލްކަނީން ތިރިއަށް ފައިބަން އުޅުނު މަންޒަރު ފެނުނު މީހަކު ވަނީ ފުލުހުންނަށް ބަޔާންދީފައިވާއިރު މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ލިއަމްގެ މަރާ ގުޅިގެން، އޭނާއަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި ބައިވެރިވި ތިން މީހަކަށް ވަނީ ދައުވާ ވެސް ކޮށްފައެވެ. ލިއަމް އަށް ސަޕޯޓުކުރާ ގިނަ ފޭނުންނެއް އަންނަނީ ލިއަމް އަމިއްލަ އަށް މަރުނުވާނެ ކަމަށް ބުނެ، މައްސަލަ އިތުރަށް ބެލުމަށް ފުލުހުން ގާތު އެދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންނެވެ.

ލިއަމްގެ ޖަނާޒާ މިދިޔަ ހަފްތާގައި ބޭއްވިއިރު "ވަން ޑިރެކްޝަން" ގައި އޭނާއާ އެކު އެއްކޮށް ހަރަކާތްތެރިވި ލަވަކިޔުންތެރިން ކަމަށްވާ ލުއީ ޓޮމްލިންސަން، ހެރީ ސްޓައިލްސް، ނައިލް ހޯރަން އަދި ޒޭން މާލިކް ވަނީ ބައިވެރިވެފައެވެ. އަދި ލިއަމް މަރުވުމާއެކު އެ މީހުން ވަނީ ސޯޝަލް މީޑިއާގައި އަސަރުގަދަ ޕޯސްޓުތަކެއްވެސް ކޮށްފައެވެ.

ވަން ޑިރެކްޝަން އިން އުފެދުނު ލަވަކިޔުންތެރިޔާ ލިއަމް ވަނީ ގިނަ ބައެއްގެ ތާއީދާ ލޯބި ހޯދާފައެވެ. އިނގިރޭސި މަޝްހޫރު ޓީވީ ޝޯ "ދަ އެކްސް ފެކްޓަރ" އިން 2010 ވަނަ އަހަރު ތައާރަފްވި ވަން ޑައިރެކްޝަން ބޭންޑަކީ އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބޭންޑެކެވެ. މި ބޭންޑުގައި ލިއަމްގެ އިތުރުން ހަރަކާތްތެރިވާ ލަވަކިޔުންތެރިންނަކީ ޒޭން މާލިކް، ހެރީ ސްޓައިލްސް، ލުއީ ޓޮމްލިންސަން އަދި ނައިލް ހޯރަން އެވެ. 2015 ވަނަ އަހަރު ބޭންޑުގެ މަސައްކަތްތައް މެދުކަނޑާލިފަހުން ލަވަކިޔުންތެރިން ވަނީ އެމީހުންގެ ސޯލޯ ކެރިއަރު ފަށާފައެވެ.