މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވާތީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ހުށަހެޅި ދައުވާތައް ހައިކޯޓުން އަނބުރާ ފޮނުވާލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަލުން ހުށަހަޅައިފިއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕީޖީ އޮފީހުން ހައި ކޯޓަށް ފޮނުވި މައްސަލަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާ ގޭގެ އެޑްރެސް ސާފު ނުކުރެވޭތީ ޗިޓު ހަވާލު ނުކުރެވިގެންނެވެ. ހައި ކޯޓުން ބުނީ މި މައްސަލަ ބޭރުކޮށްލީ ޕީޖީ އޮފީހުން ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާކަމަށް އެ ގެއަށް ޗިޓު ހަވާލު ކުރަމަށް ދިއުމުން ބުނެފައި ވާތީކަމަށެވެ.
އިތުރަށް ހައިކޯޓުން ބުނީ އެ އިންތިޒާމު ހަމަޖައްސައި، އޭނާ ދިރިއުޅޭ ގެ ސާފު ކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި މައްސަލައިގެ ލިޔެކިއުންތަކާއި އެކު ދައުވާތައް ހައިކޯޓަށް އިއްޔެ ހުށަހަޅާފައިވާއިރު ޖިހާދުގެ މައްޗަށް ޕީޖީއިން ކޮށްފައިވަ ދައުވާއަކީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގައެވެ.
ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވި ޖޮއިން ވެންޗާ އެގްރިމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން ލަފާދީފައިވާއިރު ދައުލަތުން ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ "ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ.