ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތައް ބޮޑުކުރުމަށް ހުށަހެޅި ހުރިހާ އިސްލާހެއް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅީ ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުކުރުމަށާއި، ގްރީން ޓެކްސް 100 ޕަސެންޓު ބޮޑުކުރުމަށާއި، އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށެވެ. މީގެ ތެރެއިން ޓީޖީއެސްޓީ ބޮޑުކުރުމަށް ހުށަހެޅި އިސްލާހު އިއްޔެ ބަލައިގެންފައިވާއިރު، މިއަދު ބަލައިގަތީ ގްރީން ޓެކުހާއި ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ހުށަހެޅި އިސްލާހުތަކެވެ.

ގްރީން ޓެކްސް ބޮޑުކުރުމަށާއި އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރުމަށް ހުށަހެޅި އިސްލާހުތައް ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި ދެ އިސްލާހަށް ވޯޓުދިން 68 މެންބަރުންގެ ތެރެއިން 58 މެންބަރަކު ވޯޓު ދެއްވީ އިސްލާހުތައް ބަލައިގަތުމަށެވެ. އިސްލާހުތައް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

އެހެންކަމުން އެ ދެ އިސްލާހު އިތުރަށް ދިރާސާކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާލައިފައެވެ.

މި އިސްލާހުތަކަށް ކުރި ބަހުސްގައި މައިގަނޑު ގޮތެއްގައި އިދިކޮޅު އެމްޑީޕީން ގޮވާލީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވެ، ފަތުރުވެރިން އައުން މަދުވާނެ ކަމަށް، އެ ޕާޓީގެ މެންބަރުން ވިދާޅުވެފައިވެއެވެ. އެކަމަކު ވެރިކަންކުރާ ޕީއެންސީން ބުނަނީ މި އިސްލާހުތަކުގެ ސަބަބުން ދިވެހީންނަށް ފައިދާވެ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.