ޓީޖީއެސްޓީ ބޮޑުކުރާ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީ އަށް ދިރާސާކުރަން ފޮނުވާލައިފިއެވެ.

ސަރުކާރުން ހުށަހެޅީ އަންނަ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކުރުމަށެވެ.

މެންބަރުން މިއަދުގެ ޖަލްސާގައި މި އިސްލާހަށް ބަހުސްކޮށް ނިމުމުން، ރިޔާސަތުން ވަނީ އިސްލާހު މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންގެ ވޯޓަށް އަހައިފައެވެ. ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ ތެރެއިން އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް 52 މެންބަރަކު ވޯޓުދެއްވިއިރު އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ.

އެހެންކަމުން މަޖިލީހަށް މި ބިލު މިއަދު ވަނީ ބަލައިގެންފައެވެ.

ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، ޓެކްސް ބިލަކަށް ވާތީ މި ބިލު ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާލަން ގަސްދުކުރައްވާ ކަމަށެވެ. އަދި މާދަމާގެ ޖަލްސާ އަށް ތާވަލުކުރާ މަސައްކަތްތައް ނިމިއްޖެ ނަމަ ބިލުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ، ފުރާ މީހުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހަށާއި ގްރީން ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ވެސް ބަހުސްކުރަން ފަށައިފައެވެ.

މި އިސްލާހުތަކަށް ސަރުކާރު މެންބަރުން ތާއީދުކުރައްވާއިރު، އިދިކޮޅު މެންބަރުން ވިދާޅުވަނީ މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ވާނެ ކަމަށެވެ.