ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އިގްތިސޯދީ ސަރަހައްދު ތަރައްގީ ކުރުމަށް 20 އަހަރުގެ މާސްޓަ ޕްލޭނާ އެއްގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރުގެ ޓެކްސީވޭ "ޓެކްސީވޭ ޗާލީ" މަރާމާތު ކުރަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، ކުރީގެ ރަންވޭ، އަދި މިހާރުގެ ޓެކްސީވޭ ހަދާފައި ވަނީ 1976 ވަނަ އަހަރު ކަމަށާއި އެއީ އެއާޕޯޓުގެ އެންމެ ގިނަ ދުވަސްވީ އިންފްރާސްޓްރަކްޗާ ކަމަށެވެ.
2022 ވަނަ އަހަރު އާ ރަންވޭ ބޭނުން ކުރަން ފެށުމުން ކުރީގެ ރަންވޭ ވަނީ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާއި ކަމަށް ޝާރީފް ވިދާޅުވިއެވެ. އެ ބަދަލާ އެކު އެއާޕޯޓަށް މަތިންދާ ބޯޓު ޖައްސަން ހޭދަކުރާ ވަގުތު ވަރަށް ބޮޑަށް ކުޑަ ކުރެވުނު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކުރީގެ ރަންވޭ ބާވެފައިވާ އިރު، ކުއްލި ހާލަތެއްގައި މިހާރު ބޭނުން ކުރާ ރަންވޭއަށް ކަމެއް ދިމާވެއްޖެ ނަމަ، ބޯޓުތައް ޖައްސާނެ އިތުރު ގޮތެއް ނޯންނާނެ ކަަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ، އެފަދަ ކަމެއް ދިމާވެއްޖެ ނަމަ މުޅި އިގްތިސޯދަށް ވެސް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ. އެހެންކަމުން ޓެކްސީވޭ އަލުން މަރާމާތު ކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް މި ޕްރޮޖެކްޓްގެ ދަށުން ޓެކްސީވޭ އެއްކޮށް އާ ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޓެކްސީވޭ މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާ އިރު އެ މަސައްކަތް ނިންމާލަން ކަނޑައަޅާފައި ވަނީ 2027 ވަނަ އަހަރުގެ މެދު ތެރެއަށެވެ.
ޓެކްސީވޭ ހެދުމަށް ބީޔޫސީޖީއާ ހަވާލުކުރި އިރު މިހާރު ބޭނުން ކުރާ އާ ރަންވޭ ހަދާފައި ވަނީ ވެސް އެ ކުންފުނިންނެވެ.