ހުޅުމާލެ ދެވަނަ ފިޔަވަހީގެ އުތުރު ފަރާތު ފަރު މައްޗަށް އެރި ހިލަ ބާޖަކާއި ޓަގު ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ހިނގި މި ހާދިސާގައި ފަރަށް އަރާފައި ވަނީ ޓަގު "އަނަޑީ" އަދި ބާޖު "އޭއެމް މަނުމިޓް" އެވެ. މި އުޅަނދުތައް ފުން ކޮށްފައި ވަނީ އެ ހާދިސާ ހިނގިތާ 2 މަސް ދުވަސް ފަހުންނެވެ.

އެއާއެކު އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އުޅަނދުތަކުގެ ވެރިފަރާތުން އައްޔަންކޮށްފައިވާ ސާވެޔަރުންނާއެކު ޖޮއިންޓް ސާވޭއެއް ކޮށްފައެވެ. އެ ސާވޭއިން އެ ސަރަހައްދުގެ 1159 އަކަ މީޓަރަށް ބޮޑެތި ގެއްލުން ވެފައިވާކަން ދައްކާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރިއާޔަތްކޮށް ގާނޫނުގެ ދަށުން ކަނޑައަޅާފައި ވަނީ 29,201,946 ދިވެހި ރުފިޔާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. މި ޖޫރިމަނާގެ ފައިސާ އީޕީއޭއަށް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ އެ އުޅަނދުތަކުގެ އޮޕަރޭޓާ ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީއަށް މި މަހުގެ 1 ވަނަ ދުވަހު އަންގާފައިވާ ކަމަށް ވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭރުގެ ބޯޓުފަހަރު ފަރަށް އަރައި ގެއްލުންވެ އެތައް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ. އެގޮތުން ދިރާސާއެއް ކުރުމަށް ބޭނުންކުރި އުޅަނދަކުން 2022 ވަނަ އަހަރު ވެސް ހުޅުމާލެ އިރުމަތިފަރާތު ފަރުބޭރުގައި ސާވޭތަކެއް ކުރަމުން ދަނިކޮށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެއީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ރިލަޔަންސްގެ ޖިއޯ ކުންފުންޏާ ހަވާލުކޮށްގެން ރާއްޖޭގައި އެޅި ސަބްމެރިން ކޭބަލެއްގެ ސާވޭގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ މައްސަލާގައި އެ ކުންފުނި 200،000 އެއްހާ ރުފިޔާ އިން ޖޫރިމަނާ ކުރި ނަމަވެސް، މިހާތަނަށް ވެސް އެ ފައިސާ ދައްކާފައެއް ނުވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި ހަމައެހެންމެ މި އަހަރުގެ ޖޫން މަހު ކ. ދިޔަނެރު ފަރަށް އެރި ޓަގާ، ބާޖުގެ ވެރިފަރާތް ވެސް ވަނީ ވިހި މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.