ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލައިފިކަމަށް ބުނެ ސްކޭމްއެއް ހިންގަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އަންގައިފިއެވެ.

ފުލުހުން ބުނީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމާއި، ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކު ހިމެނޭގޮތަށް ދައުރުކުރަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ސައްހަނޫން ބޭންކު ޓްރާންސްފާ ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަވެ، އެކަމަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި އަންގާފައެވެ. ފުލުހުން ބުނެފައި ވަނީ މި ސްލިޕްތައް އުފައްދާފައި ވަނީ ވަކި ހާއްސަ އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ކަމަށެވެ.

މިފަދަ ކަމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓު ކުރުމަށާއި އޮންލައިންކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުގައި ވެސް އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ސްކޭމްގެ އެކިއެކި މައްސަލަަތައް އިތުރުވަމުންދާއިރު ފާއިތުވި 8 މަސް ދުވަހު ވެސް އެފަދަ މައްސަލަތަކުން ގެއްލިފައިވާ 13 މިލިއަންގެ ތެރެއިން 2.2 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.