މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ޑާކްރެއިން އެންޓަޓެއިންމަންޓުގެ ދިވެހި ފިލްމު "ބިބީ" ތިނަދޫ ސިޓީގައި އަޅުވާ ގޮތަށް ނިންމައިފިއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ މި ފިލްމު ތިނަދޫގައި އަޅުވަން ހަމަޖެހިފައިވާއިރު އަތޮޅުތަކަށް "ބިބީ" ގެ ފުރަތަމަ ޕްރީމިއާގައި ފިލްމުގެ ލީޑު އެކްޓަރު ޝަރަފު އަބްދުﷲ ހަރަކާތްތެރިވާނެކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ. މި ޝޯގެ ޓިކެޓު ވިއްކަން މިހާރުވަނީ ފަށާގައެވެ. ހޮރޯ ކޮމެޑީ ޖޯންރާ އަށް ބިނާކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިން މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
މި ފިލްމަކީ މަޝްހޫރު ރޭޑިއޯ ޕްރެޒެންޓަރު (އާރްޖޭ) ޝަހުދާ މަހްމޫދު ޑައިރެކްޓްކުރާ ފިލްމެކެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. އާރްޖޭއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝަހުދާގެ އަލަތު ފީޗާ ފިލްމުގައި ލީޑު ރޯލު ކުޅެނީ އޭނާގެ ފިރިމީހާ ޝަރަފް އަބްދުﷲ އެވެ. ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ޑާކްރެއިންގެ މޫނުކަމަށްވާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ފިލްމުގައި ޝީލާ ނަޖީބު އަދި އަހުމަދު ސައީދުގެ އިތުރުން ފުބޫ އަދި އަމާން ވަނީ މުހިއްމު ރޯލުތަކެއް އަދާކޮށްފައެވެ.
މަޖޫ އާއި ޝަރަފް އެކުގައި ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ ފިލްމު "ބިބީ" ބެލުންތެރިން ހެއްވާލައިފިއެވެ.