މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބިފައިވާ ބައެއް ވިއްކުމުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައި ވާތީ، 2018 ވަނަ އަހަރު މިހައުސިން މިނިސްޓްރީގެ ދެ އިސްވެރިއެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް މައްސަލަ ހުށަހަޅައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕީޖީއަށް މައްސަލަަ ހުށަހަޅާފައި ވާނީ އޭރުގެ ހައުސިން މިނިސްޓްރީގެ ނާއިބް ނާއިފު ޝައުކަތު، ހ.އަގޮސްޓާ، އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ވަހީދު، ދަފްތަރު 12537، ގެ މައްޗަ ދައުވާ ކޮށްދިނުމަށް އެދި ކަމަށެވެ. އެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައި ވަނީ، ގާނޫނު ނަންބަރު 9/2014 ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި، އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް، އެ ބިން ވިއްކާފައި ވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށް އޭސީސީން ބުނެއެވެ. އެ ނިންމުން އެ ގޮތަށް ނިންމާފައި ވަނީ، އޭރު އަމަލުކުރަމުން ދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާ ހިލާފަށް، އިންވެގެން އޮތް ގޯތީގެ ވެރިފަރާތުން އަދި އެހެން ފަރާތަކުން އެބިން ގަންނަން އެދިފައި ވަނިކޮން، އެ އެސޫލު އިސްލާހު ކުރަމުންދާ ކަމަށް ބުނެ، އެ ބިން ވިއްކުން މަޑުޖައްސާލައި، އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން އެ އުސޫލުގައި، ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން ޖެހޭކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެ ބިން ގަތުމަށް ހުށަހެޅި ދެފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާ ކަމަށް އޭސީސީން ބުނެއެވެ. އަދި އެކަން ކޮށްފައި ވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަންވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.
ހަސަން ވަހީދާއި ނާއިފު ޝައުކަތު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައި ވަނީ، އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައި ދިނުމުގެ ނިޔަތުގައި ކަމާއި، އެ އަމަލުތަކުގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާ ކަން ތަހުގީގަށް ހޯދި ހެކި ގަރީނާއިން އެނގެން އެބަ އޮތް ކަމަށް އޭސީސީން ބުނެއެވެ.