ބީލަމުގެ އުސޫލުން ދިރިއުޅުމަށް ހުޅުމާލެ ފޭސް 2 އިން އިތުރު 18 ބިމެއް ވިއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
ހުޅުމާލެ ފޭސް2 ގެ ބީޗް ސައިޑް 13 ބިމެއް ވިއްކުމަށް މިދިޔަ މެއި މަހުގެ ތެރޭގައި އެޗްޑީސީއިން ވަނީ އިއުލާނު ކޮށްފައެވެ.
އެޗްޑީސީއިން މިއަދު ކުރި އިއުލާނުގައި ބުނީ އެ ލިސްޓަށް 18 ބިމެއް އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން އިތުރު ކޮށްފައި ވަނީ ބީޗް ސައިޑްގެ 16 ބިމަކާއި ފްރަންޓް ސައިޑްގެ 2 ބިމެއް ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެޗްޑީސީ އިން ބުނީ މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. މި ބިންތަކަށް، އުމުރުން 18 އަހަރު ވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެފައި ވާއިރު ބީލަން ހުށަހަޅަނީ ކުންފުންޏަކުން ކަމުގައިވާނަމަ، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓު ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމުގައިވާންވާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށް އެޗްޑީސީ އިން ބުނެއެވެ. އެގޮތުން ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. އަދި ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމެވެ.