ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ އެންމެ ހަގު ދަރިކަނބަލުން، އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވެއްޖެއެވެ.

އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަނިކޮށް އުމުރުފުޅުން 68 އަހަރުގައި މިއަދު މެންދުރުފަހު އަވަހާރަވި ޚަދީޖާގެ ޖަނާޒާ އޮންނާނީ މިރޭ މަޣްރިބު ނަމާދަށް ފަހު އާސަހަރާގައެވެ.

'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޚަދީޖާ އަވަހާރަވުމުން ހިތާމަ ފާޅުކުރައްވައި، އާއިލާ އަށް ތައުޒިޔާ ދަންނަވައިފައެވެ. ރައީސް ލިޔުއްވި ގޮތުގައި، ތައުލީމީ ދާއިރާއަށާއި އަންހެނުންނަށް ކުރިއެރުމާއި ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ދާއިރާތަކުގައި ސަރުކާރަށް އެކަމަނާ ހިދުމަތްކުރައްވާފައި ވެއެވެ.

ޚަދީޖާ ވަނީ މީގެ ކުރިން ހެންވޭރު އަވަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަން ކުރައްވައި، އަންހެނުންގެ ގައުމީ ކޮމިޓީގެ މެންބަރުކަން ކުރައްވައިފައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 90 ގެ އަހަރުތަކުގައި އަންހެނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދޭން ހިންގި މަޝްރޫއުތައް ރޭވުމުގައި މަސައްކަތް ވެސް ކުރައްވައިފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ރާއްޖޭގެ އެމްބަސީގައި ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް އެކަމަނާ ފުރުއްވާފައިވެއެވެ.

ޚަދީޖާ އަވަހާރަވުމާ އެކު، އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޭފުޅުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުންނެވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުއްސައްތާރު މޫސާ ދީދީގެ ހުވަފަތް އަނބިކަނބަލުން އައްނަބީލާ އާއިޝަތު އިބްރާހީމް ދީދީ އެކަންޏެވެ.