އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އެނބުރި ވަޑައިގެންފިއެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް އެނބުރި ވަޑައިގަތީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ރައީސްގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި އެ ގައުމުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަކުރުމާ ގުޅޭ ގޮތުންނާއި، އެކުގައި ކުރެވިދާނެ ބައެއް މަސައްކަތްތަކާ މެދު މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި އިންޑިއާ އާ އެކު ކަރަންސީ ސްވޮޕް އެއްބަސްވުން ބަދަލުކުރުމުގެ ހިމެނޭހެން ފަސް އެއްބަސްވުމެއް ދެ ގައުމުން އެކުލަވާލައި، ބައެއް މަޝްރޫއުތައް ވެސް އިފްތިތާހުކޮށްފައިވެއެވެ.

ހަމަ އެހެންމެ، ރައީސް ވަނީ އިންޑިއާގެ އާގްރާ އަށާއި ބެންގަލޫރޫގެ އިތުރުން މުމްބާއީ އަށް ޒިޔާރަތްކުރައްވައި، ތާރީހީ ބައެއް ބިނާތައް ބައްލަވައިލެއްވުމުގެ އިތުރުން ބައެއް ފޯރަމްތަކުގައި ބައިވެރިވެވަޑައިގެން، ދެ ގައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި، ހުރި ބައެއް ފުރުސަތުތަކަށް އަލިއަޅުވާލައްވައިފައެވެ.

މިއީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.