އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ދަށުން ރުޕޭ ކާޑުގެ ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަދާފައި މި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާ އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހުގައެވެ.

ރައީސާއި އިންޑިއާގެ ބޮޑުވަޒީރުގެ ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން ދެއްވި ބަޔާނުގެ ކުރިން، ރާއްޖޭގައި ހެދި ރުޕޭގެ ފުރަތަމަ ޓްރާންސެކްޝަން ވަގުތުން ދައްކާލާފައިވެއެވެ.

ރާއްޖެއަށް ރުޕޭ ކާޑު ތައާރަފްކުރެވުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިނާއި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ. ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރަން ފެށުމުން ރާއްޖޭގައި އުޅޭ އިންޑިއާގެ މީހުންނަށާއި އިންޑިއާގައި އުޅޭ ދިވެހީންނަށް ފައިސާގެ މުއާމަލާތްކުރަން ފަސޭހަވެގެން ދާނެއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ހދ. ހަނިމާދޫގެ އެއާޕޯޓުގެ ރަންވޭ އިފްތިތާހުކޮށްފައެވެ.