އިންޑިއާގެ ތާރީހީ ބިނާއެއް ކަމަށްވާ ތާޖް މަހަލް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް ތާޖް މަހަލް އަށް ޒިޔާރަތް ކުރައްވާފައި ވަނީ އިއްޔެ އިންޑިއާގެ ވިޔަފާރި މަރުކަޒު މުމްބާއީއަށް ވަޑައިގަތުމުގެ މަގުމަތީގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ތާޖު މަހަލް އަކީ ދުނިޔޭގެ 7 އަޖައިބުން އެއް އަޖައިބެވެ.

ތާޖް މަހަލް ބިނާކޮށްފައި ވަނީ 17 ވަނަ ގަރުނުގައި އިންޑިއާގައި ވެރިކަން ކުރެއްވި މުގަލް ރަސްކަލެއް ކަމަށްވާ ޝާހް ޖަހާން އޭނާގެ އަނބިކަނބަލުން މުމްތާޒް މަހަލް ގެ ހަނދާނުގައެވެ.

އިންޑިއާ އަށް މީގެ ކުރިން ވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ރައީސުންވެސް ވަނީ ތާޖް މަހަލް އަށް ޒިޔާރަތް ކުރައްވާފައެވެ.

ރައީސް އިއްޔެ މުމްބާއީއަށް ވަޑައިގެންފައި ވާއިރު، މުމްބާއީގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އާއި ބޮލީވުޑްގެ ބައެއް ތަރިންވެސް ވަނީ ބައްދަލުކޮށްފައެވެ. ރައީސްއާ ބައްދަލުކުރި ބޮލީވުޑްގެ ބައެއް ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގްބާލް އަދި ސަނީ ކައުޝަލްގެ އިތުރުން އަރްބާޒް ހާން ވެސް ހިމެނެއެވެ.

މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް، ރައީސް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުއިއްޒު، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.