ޏ. ފުވައްމުލަށް ސިޓީގެ ދަނޑިމަގު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ޟޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއެވެ. އަދި ޔޫތް މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާޙިމް އާމިރެވެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫއުގެ ދަށުން، ބިންގަނޑު ކޮނުމާއި، ބެކްފިލިން މަސައްކަތާއި، 15039 އަކަ މީޓަރުގެ ސަރަހައްދެއް ކޮންޕެކްޓް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. މީގެ އިތުރުން 350 ކޮންކްރީޓް ކާނުގަނޑު ހެދުމާއި، 30 ފެންހިންދާ ވަޅުގަނޑު ހެދުމާއި، 750 ގައު އެތުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 2.7 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭ ނިންމުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.

14200 މީހުންގެ އާބާދީއެއް އޮންނަ ފުވައްމުލައް ސިޓީގެ ރައްޔިތުން އާމްދަނީ ހޯދަމަށްޓަކައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވެ އުޅެނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ އިތުރުން ސަރުކާރާއި ޕްރައިވެޓް ސެކްތާގައި ގިނަ އަދަދެއްގެ މީހުން އަންނަނީ ވަޒީފާ އަދާ ކުރަމުނެވެ.

ފުޓްބޯޅައަށް ޝައުގުވެރިވާ ޒުވާނުން ދިރިއުލޭ ފުވައްމުލަކުގައި ފުޓްބޯޅަ ދަނޑެއް ހެދިގެން ދިއުމަކީ ރަށުގެ ޒުވާނުންނަށް މުނިފޫހި ފިލުވާލާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ލިބޭނެ ފަހި ފުރުސަތެއް ކަމުގައި އެމްޓީސީސީ އިން ބުނެއެވެ. އަދި މީގެ ސަބަބުން އެ ރަށުގެ އިޖުތިމާއީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ފުވައްމުލަކުގައި ފުޓްބޯޅަ ދަނޑުގެ ސަބްބޭސްހަދަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، މިއަދު ވަނީ ބ. މާޅޮހުގައި ވެސް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމަށް އެ ކުންފުންޏާ ހަވާލުކޯށްފައެވެ. މާޅޮހުގެ ޕްރޮޖެކްޓަކީ 2.3 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭ ނިންމުމަށް އެއްބަސްވެފައިވާ މަޝްރޫއެކެވެ.