ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގާފަރުގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނީ، އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އާއިޝަތު ނޫރައްދީން ވިދާޅުވީ، ކ. ގާފަރުގައި އަލަށް މި ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މިސާލެއް ކަމަށެވެ. ގާފަރުގައި މި ދޭން ފެށި އޭޓީއެމް ހިދުމަތާއެކު ކާފު އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމްކޮށްފައިވާ ދެ ބްރާންޗުގެ އިތުރުން މީހުން ދިރިއުޅޭ އިތުރު 6 ރަށެއްގައި މިވަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފް ސާވިސް ބޭންކިން ސެންޓާ، 144 އޭޓީއެމް މިހާރު ގާއިމްކޮށް އަންނަނީ ހިދުމަތް ފޯރުކޮށް ދެމުންނެވެ. ހަމައެއާއެކު ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.