އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ދިނުމަށް ގާއިމް ކޮށްފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ސްކީމް މާދަމާ ހުޅުވާލަން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ނިންމައިފިއެވެ.

ބީސީސީ އިން ބުނީ، މި ސްކީމަކީ މިޔުޒިކާއި ފިލްމު އުފެއްދުމުގެ އިތުރުން އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތި ކުރެވޭ އެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުން ފަދަ ޕްރޮޖެކްޓުތަކަށް މާލީ އެހީ ފޯރުކޮށްދޭ ސްކީމެއް ކަަމަށެވެ. މި ސްކީމުން މާލީ އެހީތެރިކަން ފޯރުކޮށް ދެނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށް ބީސީސީ އިން ބުނެއެވެ.

މި ސްކީމުން މާލީ އެހީތެރިކަން ހޯދަން އެދި ހުށަހަޅާ ކޮންމެ ފަރާތަކީ އުމުރުން 18 އަހަރު ވެފައިވާ ދިވެއްސެއް ކަމުގައިވާން ޖެހެއެވެ. އަދި އެންމެ ކުދި ނުވަތަ ކުދި ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކުގެ ދަފްތަރުގައި ނުވަތަ ބީސީސީން ބަލަހައްޓާ އަމިއްލަ މަސައްކަތް ކުރައްވާ ފަރާތްތަކުގެ ދަފްތަރުގައި ވާ ފަރާތެއް ކަމުގައި ވެސް ވާން ޖެހެއެވެ.

މި ސްކީމުން މާލީ އެހީތެރިކަން ހޯދަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަޠު މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށް ބީސީސީން ބުނެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ދަފްތަރުވުމުގެ ފުރުސަތު މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ހުޅުވާލާފައެވެ އެ ޕޯޓަލްގެ ލިންކު ބީސީސީގެ ވެބްސައިޓް އިން ފެންނަން ހުންނާނެއެވެ.