"ހިންނަވަރު އަތުޖެހި، ބްރައިޓް ވިއު" އުފެއްދުމަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އުސޫލާ އެއްގޮތަށް ދަފްތަރުކޮށްގެން ކުރާ ވިޔަފާރިއެއް ނޫން ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ ބްރައިޓް ވިއުއަކީ 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުސޫލު ގެ ދަށުން އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ފަރާތެއް ނޫން ކަމުގައެވެ.

އެ އުސޫލުގެ ދަށުން ދަފްތަރުކުރާ ފަރާތްތަކުގެ މައުލޫމާތު، 'އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު'ގެ ނަމުގައި އެ އޮތޯރިޓީގެ 'ދިރިތި' ޕޯޓަލް އާއި ވެބްސައިޓްގެ އިތުރުން ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކުރަމުންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން ކާބޯތަކެތި ގަތުމުގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އުސޫލާއި ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކުރާކަން ފާހަގަވެއްޖެނަމ،ަ އެކަން އެ އޮރިޓީއަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ލޯގޯ ދޫކުރުން ހުއްޓާލައި، އެ މަސައްކަތް ކުރާ ފަރާތްތައް ދަފްތަރުވުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.