އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް ހިންގާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލި މައްސަލައިގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ހުކުމްކޮށް، ދަށު ކޯޓުގެ އަމުރު ބާތިލްކޮށްފިއެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، ރާއްޖޭގައި ހުންނަ ބައެއް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލައިގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ހައްޔަރުކުރިއެވެ.

ދެ ފަހަރެއްގެ މަތިން އެ ދެ މީހުންގެ ބަންދު އިތުރުކުރުމަށް ފަހު ޝަރުތުތަކެއް ކޮށް ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ދެ މީހުން ވެސް ދޫކޮށްލާފައިވެއެވެ.

ޝާދިޔާގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރުމުން ކޯޓުން ކުރި ހުކުމްގައިވާ ގޮތުން، ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، އެގޮތަށް ކްރިމިނަލް ކޯޓުން ނިންމީ ކީއްވެކަން ސާފެއް ނުވެއެވެ. އަދި ޝާދިޔާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވެއެވެ.

އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ވެސް އިއްތިފާގުން ޝާދިޔާ ތިން ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކުރަން ވަނީ ހުކުމްކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު ހަސަން ޝަފީއުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާއެވެ.