"އަހަރެންވެސް މި ހޯދަނީ ޒިބާން...ކޮބާ އޭނާ..." އޭތީގެ ބަރުއަޑުން ވާހަކަ ދައްކާލި އިރު މަންޝާ ހުރީ ސިހިސިހިއެވެ. ފަހަތަށް ޖެހި ކުޑަދޮރުގައި މަންޝާ އަތް އަޅުވާލީ ދެން ފަހަތަށް ނުޖެހެވޭނެކަން އެނގުމުންނެވެ.

"މިތާ.... މިތާކު ޒިބާނެއް ނެތް؟..." މަންޝާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެވަގުތު އެ މަޚްލޫގުގެ ކަޅި އަމާޒުވީ މަންޝާ އޮތް އެނދާ ދިމާއަށެވެ. އެތާ ހުރީ ހުސް ލެއެވެ. މަންޝާގެ ހެދުމުގަޔާ ލައިގެން ހުރި ހަރުވާޅުގައިވެސް ލޭ ހުރިކަން އެ މަޚްލޫގަށް ފާހަގަ ވިއެވެ.

*** *** *** *** *** ***

އޭރު ކޭތަ ހިފަން ފައްޓައިފިއެވެ. ހަނދުގެ ބައެއް ފެންނަން ނެތުމުން ވަގުތު ކުޑަތަން ވަނީކަން ޒޭބާއަށް އެނގުނެވެ.

އަލިބެގެ އަމުރަށް އެތާ ތިބި މީހުން ކިއެވެލި ކިޔަވަން ފެއްޓިއެވެ. ހަމައެއާ އެކީ ޒޭބާ ހަޅޭއްލަވައިގަތެވެ. ގައިން ނަގަމުން ދިޔަ ތޫނު ތަދަށް ޒޭބާ ރޯން ފެށިއެވެ. އަނގޮއްޓީގައި ފިރުމަމުން ސައިބްރޯތުމެންނަށް ގޮވަން އިން ޒިބާންގެ ކަންފަތުގައި އެއަޑު ޖެހުމުން ޒިބާންގެ ހަށިގަނޑަށްވެސް އުނދަގޫވިއެވެ. ނަމަވެސް އެއްވެސް ރައްކަލެއް ނެތި ހުރި ޒޭބާގެ ހަށިގަނޑުގައި އަޅާނެ ވޭން އޭނާއަށް އިހްސާސްކުރެވުނެވެ. ޒިބާން ކައިރިވާން މަސައްކަތް ކުރިނަމަވެސް ޒިބާންގެ ފިޔަވަޅު ހުއްޓުނީ ޒޭބާ ބަލާލުމުންނެވެ. އޭނާ އެބުނަން އުޅޭ އެއްޗެއް އެނގުމުން ޒިބާނަށް އެވަގުތު ބަލާލެވުނީ މަންޝާ ގެންދިޔަ ކޮޓަރިއާ ދިމާއަށެވެ. "ޒިބާން... ދެމީހުން ސަލާމަތެއް ނުކުރެވޭނެ.. ދޭ... މަންޝާ މަރުވެދާނެ... މަންޝާ ސަލާމަތްކުރޭ...."

ޒޭބާ ދޫކޮށްލާފަ ދާން ޒިބާން ފަސްޖެހުނެވެ.

*** *** *** *** *** ***

"ކަލޭ ޖިންނި ކުއްޖެއް ވިހައިގެން ދޯ ތިއުޅެނީ؟... ކޮބާ ކަލޭ ވިހޭ ކުއްޖާ..." އެ މަޚްލޫގު ކުރިއަށް ޖެހުނު އިރު އޭނާގެ މޭ ފުއްޕާލިއެވެ. މަންޝާ ބިރުން ދެލޯމަރާ ތަގުޅިކޮށްލިއިރު ރުއިންނޫންކަމެއް ނުކުރެވުުނެވެ. އޭތީގެ ނާމާން ސޫރަ ދެކެ މަންޝާ ބިރުގަތެވެ. ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ކުދިން ގެންދިޔައީ ކާކުބާވައޭވެސް މަންޝާގެ ހިތަށް އެރިއެވެ. އެހީއަށް އެދި ގޮވިނަމަވެސް ޒިބާނަށް މިވަގުތު ނާދެވޭނެއެވެ. އޭނާހުރީ އަލިބެމެންގެ ބާރުގެ ދަށުގައި ހައްޔަރުވެފައެވެ.

އޭތި އެއައި ބާރު މިނުގައި އައިސް މަންޝާގެ މޭގައި އަތް އަޅާ ކޮށްޕާލީ މަންޝާ ހޯދަން ޒިބާން އަންނާނެކަން އޭނައަށް އެނގޭތީއެވެ. ކުޑަދޮރުން ބޭރަށް މަންޝާ އަރިއަޅާލި ވަގުތު ސަލާމަތްވާން މަންޝާ އެއްލިއަތުން ހިފުނީ ދޮރު ފޮތިގަނޑުގައެވެ. ލައްކެއްޖެހިހެން އައިސް މަންޝާ އެ އިމާރާތުގެ ފާރުގައި ބާރަކަށް ޖެހުނެވެ. އެވަގުތު މަންޝާގެ ބޮލަށް ބާރު ތަދެއް އެރިކަންް އެނގުނެވެ. ދޮރު ފޮތިގަނޑު ވީދިގެން ދިޔަ ވަގުތު އަނެއްކާވެސް މަންޝާ ގޮސް ޖެހުނީ ނުވަވަނަ ބުރީގެ ބެލްކަނީ ދަނގަނޑުގަނޑުގައެވެ. އެތަނުގައި ޖެހި މަންޝާ ވިއްސައިގެން ދިޔަ ވަގުތު އަޑުގެ ނެތްތަނަށް ޒިބާނަށް ގޮވާލިއެވެ.

ބާރުބާރަށް މަންޝާ ގޮވާލި އަޑު ޒިބާނަށް އިވުމުން ޒިބާނަކަށް އެތާކު މަޑެއް ނުކުރެވުނެވެ. ނަމަވެސް އެވަގުތަކީ ޒިބާންގެ އަނގޮއްޓީގެ ކުލަ ބަދަލުވި ވަގުތެވެ. ޓެރަސްގެ ފާރާހަމައަށް ޒިބާނަށް ދެވުނުއިރު މަންޝާގެ އަޑު އެއަންނަނީ އެ އިމާރާތުގެ ބޭރުންކަން އެނގުނެވެ. މަންޝާ ވެއްޓެނީ ކަން އެނގުމުން ބަލާކަށްނުހުރެ ޒިބާން އޭނާގެ ސްޕީޑް ބާރުކޮށްލިއެވެ.

ތިރިއަށް މަންޝާ ވެއްޓެމުންދިޔަ ވަގުތު އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ދިޔައެވެ. ނުވަދިހަ ފޫޓުމަތިން ވެއްޓެމުން ދިޔަ މަންޝާއަށް އޭނަގެ ނިމުން އައިސް ޖެހިއްޖެކަމުގެ އިހްސާސް ވިއެވެ. ވައިކަފާ ތިރިއަށް ވެއްޓެންދިޔަ މަންޝާގެ ދެލޯ މަރާލީ އެހިސާބުންނެވެ.

ބާރު މިނެއްގައި ގޮސް މަންޝާ ގައިގަ ޒިބާނަށް ހިފުނީ ހަމަ ކިރިޔާއެވެ. ޒިބާންގެ އަތުތެރެއަށް މަންޝާގެ ހަށިގަނޑުލާ ބޮނޑި ކޮށްލަމުން އެނބުރި މައްޗަށް އަރަން ޒިބާން މަސައްކަތްކުރިއެވެ. ނަމަވެސް ހަމައެވަގުތު ޒިބާންގެ ހަށިގަނޑުގައި މީހަކު ހިފިކަން އެނގުނެވެ. ޒިބާންގެ ކޮނޑުގައި ހިފާ ޓެރަސް މައްޗާ ދިމާއަށް އެމީހާ ހޫރާލި އިރު ޒިބާންގެ އަތުން މަންޝާ ދޫވެގެން ދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. ޒިބާން އޭނާގެ ހަށިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް ޒިބާންގެ ހަށިގަނޑުގެ ވަރުވަނީ ދޫވެފައެވެ.

ބުރައިގެންގޮސް އިމާރާތުގެ ފާރުގައިި ޒިބާން ޖެހުމާއިއެކު އޭނާގެ ހަތަރެސްފައި ތަތްކޮށްލީ އިމާރާތުގެ މެދެއްހާ ހިސާބުގައެވެ. އަދި ބޯ ތިރިކޮށްލަމުން މަންޝާ ވެއްޓެމުން ދިޔަ ދިމާއަށް ބަލާލިއެވެ. އޭރު މަންޝާ ވައިގެ ތެރޭގައި ހަރުލާފަ ހުރިތަން ޒިބާނަށް ފެނުނެވެ. މަންޝާގެ ވަށައިގެން ހުދުކުލައިގެ އަލިކަމެއް ފެންނަން ހުރިއިރު އެއަލިކަމުގެ ދުރަށް ޒިބާންގެ ނަޒަރު ހިންގާލީ ދުރުދުރުން ރަތްކުލައިގެ އަލިގުޅަތަކެއް ފެންނަން ފެށުމުންނެވެ. އެއީ ކޮންބައެއްތޯ ބަލަން މަޑުކޮށްލި ވަގުތު ތިރިން އެ ބިޔަ ޝައިތޯނާ ޒިބާނާ ދިމާއަށް އަންނަ ތަން ފެނުނެވެ.

ހަތަރު މޮށްގަނޑު ޖަހައިގެން ބުޅަލެއްހެން ޒިބާން އެ އިމާރާތުގެ އެއްބެލްކަނިން އަނެއް ބެލްކަނިން ފުންމަމުން މައްޗަށް އެރިއެވެ. ޒޭބާ އާ ހަމައަށް ދާން ޒިބާން މަސައްކަތް ކުރީ މަންޝާ އެ އޮތީ ބައެއްގެ ހިމާޔަތުގެ ދަށުގައިކަން އޭނާއަށް ޔަގީންވުމުންނެވެ. ޓެރަސްއާ ހަމައަށް ޒިބާނަށް ނޭރެނީސް ފަހަތުން އައި އެ ނުބައި މަޚްލޫގު ޒިބާންގެ ކަރުގައި ހިފިއެވެ. އަދި އޭނާގެ ބާރުގައި ޒިބާން ދަމައިގަތީ މަންޝާ އޮތް ކޮޓަރިއަށެވެ. ނޭވާނުލެވިގެން ތެޅިފޮޅެމުން ދިޔަ ޒިބާން އެ ނުބައި ޖިންނީގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރަމުން ދިޔައިރު ޒިބާންގެ އަތުގައިވާ އަނގޮއްޓިއަށް ބަލާލެވުނެވެ. ޒިބާންގެ އަތުގައި އެ އަނގޮއްޓި އެޅުމުން އޭގެ އެސް ރަތްކުލައަށް ބަދަލުވީ ނަމަވެސް މިވަގުތު އެ އެހަށްވަނީ ހުދުކުލަ އަރާފައެވެ. އޭގެ މާނައަކީ މަންޝާ ސަލާމަތްކުރަން ދިޔަ ވަގުތު އެ ޝައިތޯނާއަށް ޒިބާން ފެނުނީ އެ އަނގޮއްޓީގެ ބާރު ކެނޑުމުންނެވެ. ސަކޭރާމެން ބުނިވާހަކައެއް ޒިބާންގެ ހަނދާނަށް އައީ އެވަގުތެވެ. ކޭތަ ހިފަން ފެށުމުން އެމީހުންގެ ބާރު ގެއްލިގެންދާކަމެވެ.

އެ ޝައިތޯނާގެ ބާރުގެ ބޭނުން ހިފައިގެން ޒިބާންގެ ދުވަސް ދުއްވާލަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ މަޚްލޫގުގެ ކިބައިން ސަލާމަތްވާން ގަދައަޅާ ޒިބާން މަސައްކަތް ކުރަމުން ދިޔައީ ލޯބިވާ ކޮއްކޮ ސަލާމަތްކުރަން ބޭނުންވާތީއެވެ. އޭނާ ހުރީ ޒިބާނާ ކުރިމަތިލައިގެން ކަމުން އެ މަޚްލޫގުގެ ނުބައި ސިފަ ވަކިކުރަން ޒިބާނަށް އެނގުނެވެ. ޒިބާންގެ ކަރުގައި ހިފައިގެން ހުރި އިރު ޒިބާންގެ ފައި ބިމުން ދެފޫޓެއްހާ މައްޗަށް އެނާ އުފުލާލައިގެން ހުރީ އޭނާގެ އެއްއަތުގެ ބާރުންނެވެ. އަނެއް އަތް އޭނާ މައްޗަށް ނަގާ ހިއްލާލި ވަގުތު އޭތީގެ އަތުގެ ނިޔަފަތިތައް ދިގުވެގެން ބޭރަށް ނުކުތެވެ. އެ ނުލަފާ ޖިންނީގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. އެއަތުން އެ ޝައިތޯނާ ޒީބާންގެ މޫނަށް ހަމަލާ ދިނެވެ. އެއަށްފަހު އޭތީގެ އަތް ޒިބާންގެ މޭދަށަށް ކޮށްޕާލީ އެއްވެސް ރަހްމެއްނެތިއެވެ. ޒިބާންގެ ހަޅޭކުގެ އަޑަށް އެތަނަށް ފާޅުވި ހުދު އަލިކަމަށް ޒިބާން ބަލާލީ އެ ޝައިތޯނާ ޒިބާންގެ ގައިން ދޫކޮށްލުމުންނެވެ. ވަރެއް ނެތް ޒިބާން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. އެ އަލިކަން ގަދަވެގެން ދިޔައިރު ޒިބާންގެ ގާތުގައި އެހެން މީހަކު ހުރިކަމުގެ އިހްސާސްވި ނަމަވެސް އެއަލިކަމުގެ ތެރެއަށް ޒިބާންގެ ދެލޯ ހުޅުވޭ ގޮތެއް ނުވިއެވެ.

ޒިބާންގެ ކަންފަތުގައި ޖެހުނީ ކިޔެވެއްޔެއްގެ އަޑެވެ. އެކިޔެވެލި ކިޔަވަމުންދާ އަޑު ޖެހުމާއެކީ އެއީކާކުކަން ޒިބާނަށް ދެނެގަންނަން އެނގުނެވެ. ޒިބާން ދެލޯ ހުޅުވާލީ އެމީހަކާ ދިމާއަށް ބަލާށެވެ. އޭރު ސައިބްރޯތުހުރީ އެ ޝައިތޯނާގެ ކަރުގައި ހިފަހައްޓާއިގެންނެވެ. ސައިބްރޯތުގެ ފަހަތުގައި އެތައް މޫމިން ޖިންނިންތަކެއް އެތަނަށް އެއްވެފައި ތިއްބެވެ. ސައިބްރޯތުގެ ކިޔެވެލީގެ އަޑަށް ކެތްނުކުރެވިގެން އެ ޝައިތޯނާ ހަޅޭއްލަވައިގަތެވެ. ސައިބްރޯތުގެ އަތްދަށުން ސަލާމަތްވާން އޭނާގެ ހަށިގަނޑު ލަކިޖަހަަމުން ދިޔައެވެ. ސައިބްރޯތ ުފަހަތުގައި ތިބި މޫމިން ޖިންނިންތައް ސައިބްރޯތް ވަށާލުމަށްފަހު އެންމެން އެއްފަހަރާ ކިޔެވެލީގެ އަޑު ބާރުކޮށްލިއެވެ. އެވަގުތު އޭނާގެ ހަށިގަނޑު އަޅިއަށްވެގެން ދިޔައިރު ރަތްކުލައިގެ ވިދުމެއް ފަޒާއަށް އަރައިގެން ދިޔައެވެ.

ސައިބްރޯތުގެ ކިޔެވެލި ހުއްްޓުމުން ކޮޓަރިތެރެއަށް ވެރިވި ހުދުކުލައިގެ ގަދައަލި މުޅިންހެން ކެނޑިއްޖެއެވެ. ޒިބާންގައިގަ އޭރު އެއްވެސް ވަރެއް ނެތެވެ. ޒިބާންގެ ގާތުގައި އޭރު މަންޝާ އޮތްތަން ފެނުމުން ޒިބާން މަންޝާގެ ގައިގާ އޮޅުލައިގަތެވެ. މަންޝާއަށް ޒިބާން ގޮވާލިއެވެ. މަންޝާގެ ބަނޑުގައިވާ ޒިބާންގެ ދަރި ނެތްކަމުގެ އިހްސާސްވުމުން މަންޝާގެ ބަނޑުގައި ޒިބާން އަތް ޖައްސާލި އިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ރޮމުން މަންޝާގެ ހަށިގަނޑުގައި ޒިބާން އޮޅުލައިގަތެވެ. ކޮންމެ ގޮތެއް ވިޔަސް މަންޝާ ގެއްލޭކަށް އޭނާ ބޭނުމެއް ނުވިއެވެ. މަންޝާގެ ހަށިގަނޑުން ޒިބާން ވަކިކޮށްލަމުން ސައިބްރޯތު ޒިބާން ނަގާ ކޮޅަށް ޖެހިއެވެ. އޭރުވެސް މަންޝާ އޮތީ ލޯމަރައިގެންނެވެ. މަންޝާގެ ިތްކުރިން ބައެއްވަނީ ފަޅައިގެންގޮސްފައެވެ. ޒިބާންގެ ކަޅި އެންމެ ވަގުތު ކޮޅަކަށްވެސް މަންޝާއާ ވަކިކޮށްނުލައެވެ. ޒިބާންގެ އަތުގައި ހިފައިގެން ސައިބްރޯތު މިސްރާބުޖެހީ އެކޮޓަރީގެ ކުޑަދޮރާ ދިިމާއަށެެވެ.

"މަގޭ ދަރިފުޅު.. މަގޭ މަންޝާ ބަހައްޓާފަ ނުދާނަން... މަގޭ ދަރިފުޅުކޮބާ؟..." ޒިބާން ނުދާން ގަދަ ހަދަން މަސައްކަތް ކުރިއެވެ. ސައިބްރޯތާއެކީ އެތާ ތިބި ހުރިހާ ޖިންނިން އެއިމިރާތުން ބޭރަށް ނުކުންނަން މަސައްކަތް ކުރިއެވެ. އެމީހުންގެ ބާރުގައި ޒިބާން އެތަނުން ގެންދިޔައީ ޒިބާނަށް ލިބިފައިވާ ބާރުގެ ބޭނުން ނުހިފޭނެކަން އެމީހުންނަށް އެނގޭތީއެވެ. އެ ޝައިތޯނާ ދީފައިވާ ހަމަލާތަކުގެ ސަބަބުން ޒިބާންގެ ގައިންވަނީ ބާރު ދޫވެފައެވެ. އެމީހުން ކުޑަދޮރާ ހަމައަށްގޮސް މައްޗަށް ދިޔުމަށް މިސްރާބުޖެހިއެވެ.

"ދަރިފުޅާ އަހަރެމެންނަށް މިވަގުތު މަޑުކުރެވޭކަށްނެތް؟.. ބައްޕައަކަށް ނޭނގެ މަންޝާ ވިހެއި ކުއްޖާ ވީތަނެއް.. ބައްޕައަށް މިހިސާބަށް އައިސް ސަލާމަތް ކުރެވުނީ މަންޝާއާ ޒިބާން... ދެން ހިނގާ ދާން.. މިތާ މަޑުކުރުން އެހާ ބުއްދިވެރިއެެއްނޫން..." ސައިބްރޯތު ޒިބާނަށް ނަސޭހަތް ދިނެވެ.

"ބައްޕާ ދެން ކޮބާ ޒޭބާ؟.. އަހަރެން ސަލާމަތްކުރަން އެ ފަންޑިތަ ހަދާ މީހާއާ ކުރިމަތިލީ ޒޭބާ.. އޭނަ ސަލާމަތް ކުރަން ޖެހޭނެ... ކުއްޖާ ވީތަން އެނގޭނީ ޒޭބާއަށް... ބައްޕާ... ހިނގާ އެތަނަށްދާން..." މައްޗަށް އަރަމުން ދިޔަ ވަގުތު ޒިބާން އިޝާރާތްކުރަމުން ދިޔައީ އެ ޓެރަސްއާ ދިމާއަށެވެ. ޒިބާންގެ ގަދަހެދުން މަޑުޖެހުނީ އޭނާއަށް ފެނުނު މަންޒަރުންނާއި އިވުނު އަޑުންނެވެ.

އޭރު ޒޭބާގެ ވޭނީ ރުއިމުގެ އަޑު އެސަރަހައްދުގައި ހިއްޕާލާފަ ހުއްޓެވެ. ޒޭބާގެ މުޅިގައިގާވަނީ ހުޅު ހިފާފައެވެ. އޭރު އަލިބެއާއެކީ ކިޔަވަން ތިބި ހަތް މީހުން ނުހުއްޓި ކިއެވެލި ކިޔަވަމުން ދިޔައެވެ. ޒޭބާގައިގާ އަލިފާން ރޯވެ އަނދަމުންދިޔައެވެ. އެންމެ ފަހުން އިވުނު ހަޅޭކުގެ އަޑާއި އެކީ ޒޭބާ ހައްޔަރުކޮށްފައިވާ ބުރުގެ ތެރެއިން މައްޗަށް ފާޅުވެގެން ދިޔަ ނޫކުލައިގެ އަލި ފެނުމާއި އެކީ ޒިބާންގެ ދެލޯ މަރާލިއެވެ. އެލޮލުން ފޭބި ކަރުނަތައް ސައިބްރޯތަށް ފެނުނެވެ. ނަމަވެސް މިވަގުތު އެތަނަށް ފޭބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަން ސައިބްރޯތަށް އެނގޭތީ އޭނާ ލަސްނުކޮށް ޒިބާން ގޮވައިގެން ސަކޭރާއާ ހަމައަށް ދިޔުމަށް އަވަސްވެގަތެވެ. އޭރު ޒިބާން ގައިން ވަރުދޫވާން ފަށައިފިއެވެ. އޭނާގެ މޭދަށަށް ވަކި ހެރިފައިވާ ދިމާ ވަނީ ވަރަށް ފުންކޮށް ޒަހަމްވެފައެވެ.

*** *** *** *** *** ***

ދެލޯ ތަންމިނަށް ހުޅުވާލަމުން މަންޝާ ހަޅޭއްލަވައިގަތެވެ. އޭރުވެސް ބޮލުގައި ތޫނު ރިހުމެއް ހުއްޓެވެ. ބޮލުގައި އަތް އަޅާލަމުން މަންޝާ ބަލާލީ އޭނާ ކައިރީގައި ހުރި މަދީހާގެ މޫނަށެވެ. "މަންމާ... " މަންޝާ ވާހަކަ ދައްކަން ފެށުމުން މަދީހާ މަންޝާގެ ވާހަކަ މެދުކަނޑުވާލަމުން ވާހަކަ ނުދެކުމަށް އެދުނެވެ. މަންޝާ ހޮސްޕިޓަލުގައި އެނދުމަތި ކޮށްފައިވާތާ މީ ތިންވަނަ ދުވަހެވެ. މަންޝާގެ ނިތްކުރިމަތީގައި އަޅާފައިވާ ބެންޑޭޖްގަނޑު ވަނީ ނައްޓާލާފައެވެ. މިހާރު ނިތްކުރީގައި އަޅާާފައިވަނީ ބޭސް މަލަންގަނޑެކެވެ. އަޒީމާ އެކީ އެކޮޓަރިއަށް އަލިބެ އައިސް ވަނީ އެވަގުތުއެވެ. މަންޝާއަށް މިވާން އުޅޭ ގޮތެއް ރަނގަޅަށް ދެނެގަންނާކަށް ނޭގުނެވެ. އަޒީމް އައުމާ އެކު މަންޝާ އަޒީމަށް ގޮވާލަމުން ކިހިނެއް ވީތޯ ސުވާލުކުރަން ފެށިއެވެ.

"މަންޝާ... މަންޝާއަށް ވީގިތް ހަނދާން އެބަހުރިތަ؟.." އަޒީމް މަންޝާއާ ވާހަކަދެއްކީ ވަރަށް ލޯބިންނެވެ.

"ނޭނގެ... ޒުހާ ވިހައިގެން އޮއްވާ ހޮސްޕިޓަލަށް އައި ދުވަސް މަތިންހަނދާންހުރޭ.. ދެން ހަނދާންހުރީ ޔާ އައިވޯޒް ޕްރެގް... ބަނޑަށް ސިކްސް މަންޓްސް ވާނީ.... މަން ދިޔައީ ރަސްފަންނަށް. އެތާ ބީޗުގަ ވަރަށް ގިނައިން އިރުއޮއްސޭ މަންޒަރު ބަލަން ގޮސް ހުންނަ ހަނދާންވޭ... ދެން އެ ދުވަހު އެތާ ހުއްޓާ އަޒީމް އަހަންނަށް ގުޅައިގެން ވާހަކަ ދެއްކި... އަހަރެން ގެއަށް އަންނަން މަގު ހުރަސްކުރި ހަނދާންވޭ... ދެން ދެން... ދުއްވާފަ އައި ސައިކަލެއް... ވަރަށް ބާރަށް އައިސް އަހަރެން ގައިގަ ޖެއްސި... އެ ސައިކަލު ގޮސް ތަށިގަނޑަށް އެރީ... އަހަރެން ުިރައިގެންގޮސް ދުރަށް ވެއްޓި.. ނިތްކުރި ފަޅައިގެން ދިޔައީ... ދެން އެތަނަށް އައި ދެމަފިރިން.. އެމީހުން ދައްކާ ވާހަކަ އަޑު އިވުނަސް.. އަހަންނަށް ވާހަކައެއް ނުދެއްކުނު... ބޮލުތެރެއަށް ފިނިވަމުން ދިޔައީ... ދެން ދެލޯ ފުސްވެ އަހަރެންނަށް އެއްވެސް ކަމެއް ނޭނގޭ... ދެން އައި ރިމެމްބަރ ވޭކިން އަޕް ހިއަރ... ވަޓް ހެޕަންޑް... ވެއަރސް މައި ބޭބީ..." މަންޝާ ހަނދާން ހުރި ކަންތައް ކިޔައިދިން ނަމަވެސް އެއީ އަޒީމަށް އިނގޭކަމެއް ނޫނެވެ. އެއީ މީގެ ދެމަސްކުރިން މަންޝާއަށް ފެނިފައިވާ ހުވަފެނެކެވެ. މަންޝާ ކައިރީ އަޒީމް ބުނާނެ އެއްޗެއް ނޭނގުނެވެ. ނަމަވެސް މިވަގުތު މަންޝާ ސްޓްރެސްވާ ކަހަލަ ކަންތައް ނުކުރުމަށް ޑޮކްޓަރުން ވަނީ ނަސޭހަތް ދީފައެވެ.

"އަސްލު އެ ދުވަހު މަންޝާ އެކްސިޑެންޓެއް ވީ... އިތުރު ކަމެއް ހަނދާންވެސް ނެތް ދޯ... ޒުހާވީ މެލޭޝިޔާގަ.. އެންޑް މަންމަވެސް އައިސް މިހުރީ.... ދެން މަންޝާ ރަނގަޅުވަމުން ދަނީ... ޑޯންޓް ސްޓްރެސް އިނގޭ...." އަޒީމް މަންޝާއާ ވާހަކަ ދައްކާ ހަމަޖައްސާލުމަށްފަހު އެ ކޮޓަރިން ނުކުމެގެން ދިޔައީ މަންޝާ ބަލަމުން ދާ ޑޮކްޓަރާ ބައްދަލުކުރާށެވެ. ޑޮކްޓަރ އިންނަވާ ކޮޓަރީގައި ޓަކިޖަހާލަމުން އަޒީމް އެކޮޓަރީގެ ދޮރު ހުޅުވާލިއިރު ޑޮކްޓާރ އިނީ މަންޝާގެ ސްކޭން ރިޕޯޓްތަކާ އެކްސްރޭތަކަށް ބަލާށެވެ.

"ކަމްކަމް.. ސިޓް ޕްލީސް... ހައުޒް ޝީ..." ޑޮކްޓަރ އަޒީމާ ސަލާމްކޮށްލަމުން އަހާލިއެވެ.

"ނޭނގެ. މަންޝާގެ މެމޮރީގަ ގިނަ ދުވަސްތަކެއް ނެތްހެން ހީވަނީ.. މާކުރީގެ ވާހަކަ ތަކެއް މަންޝާ ދައްކަނީ.. ކިހިނެއްތޯ އެވީ..." އަޒީމް ސުވާލު ކުރުމުން ޑޮކްޓަރ ގޮނޑީގައި އިށީނދެ އަޒީމާ ދިމާއަށް ބަލާލިއެވެ. "މަންޝާއަށް އެދިމާވި އެކްސިޑެންޓުން އެވަނީ ވަރަށް ބޮޑު އަނިޔާއެއް ސިކުނޑިއަށް ލިބިފަ.. މިފަދަ ދުވަސްވަރެއްގަ މަންޝާއަށް ކުއްލިއަކަށް މާޒީގެ ހުރިހާ ކަމެއް ހަނދާންކޮށްދިނުމަކީ އެހާ ރަނގަޅުކަމެއް ނޫން.. އޭޒް ޝީހޭޑް އަމިސްކެރިއޭޖް މިވަގުތު އެންމެ ރަނގަޅުވާނީ ދިރިއުޅެމުންދާ މާހައުލުވެސް ބަދަލުކޮށްލުން.. ފަހުން ހަމައަަކަށް އެޅޭހާ ދުވަސްކޮށްފަ އޭނާއަށް ކަންތައް ހަނދާންކޮށްދިނުމަށް ހެލްޕްވުން މީގަ ބުއްދިވެރީ.. ނޫނީ ސްޓްރެސް ވިލް ޕްލޭއަ މޭޖާ ރޯލް އެންޑް މައިޓް ރުއިންހާ ލައިފް... ޓޭކް ކެއައޮފް ހަރ... އެންޑް އެއް މަސްދުވަހުގެ ބޭސް ދީފަ ހުންނާނެ.. ކަންތައްތައް ހަނދާންވާ އިރު އެގްރެސިވް ބިހޭވިއަރއެއް ފާހަގަވުމަކީ އެކަށީގެންވާ ކަމެއް.. އެހެންވާ ކަހަލަ ހާލަތުގައި ނިދާބޭސް ދީގެން މޭކް ހާ ސްލީޕް... މޭކް ޝުއަރ ޝީ ޓޭކްސްދަ މެޑިސިންސް ޕްރޮޕަރލީ... ނަރުސްކުދިން މިހާރު މަންޝާގެ ޑިސްޗާރޖް ޑޮކިއުމަޓްންޓްސްތައް ތައްޔާރު ކުރާނެ..."

ޑޮކްޓަރަށް ޝުކުރު އަދާކުރުމަށްފަހު މަންޝާ އޮތް ކޮޓަރިއަށް އަޒީމް ދިއުމަށް ހިނގައިގަަތެވެ. އެވަގުތު މަންޝާ ބާއްވާފަ އޮތް ކޮޓަރީގެ ބޭރުގައި އަޒީމްގެ އިންތިޒާރުގައި ރިޔާޒް މަޑުކޮށްގެން ހުރިތަން ފެނުނެވެ. "އަޒީމް... ލުކް ވަޓް ހެޕަންޑް.. ތިކަމުން އަހަރެން ބައްޕައަށާ މަންޝާއަށް ކިހާ ބޮޑު ގެއްލުމެއް އެވީ.. އަހަރެންގެ ބައްޕަ އެހުރީ ނުކުޅެދޭ މީހަކަށް ވެފަ... މަންޝާގެ ހަޔާތުން އެއްބައި އެވަނީ ސިކުނޑިން ފޮހެވިފަ... އަޒީމަށް އެނގޭނެ އަޒީމްގެ ބައްޕަވެސް އެކަހަލަ ކަމެއް ކުރުމުގެ ތެރޭގަ ކަން ނެތިގެން ދިޔައީ..."

ރިޔާޒްގެ ވާހަކަ މެދުކެޑުނީ އަޒީމް ރިޔާޒާ ދިމާއަށް އޭނާގެ އަތްތިލަ ދިއްކޮށްލަމުން ދެން ހުއްޓާލާށޭ ބުނުމުންނެވެ. "ރިޔާޒަކަށް ނޭނގޭނެ އެކަހަލަ ކަމެއްވީމަ ކުރާ އިހްސާސެއް.. މަންޝާ އުޅުނީ އެ ޖިންނިއާ ހިތާގެެން.. އަހަރެން ބޭނުމެއް ނޫން މަންޝާއަށް އެއިން އެއްވެސް ކަމެއް ހަނދާންވާކަށް...އަހަރެން ބޭނުމީ މަންޝާ މުޅި އުމުރު ދުވަހުވެސް އެގޮތުގަ ހުންނަން... މިހާރު މިއުޅެނީ އެކަމަށް އަހަރެން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން..." އަޒީމް މިހެން ބުނެ މަންޝާ އެނދުމަތި ކޮށްފަ އޮތް ކޮޓަރިއަށް ވަނެވެ. އޭރު އެކޮޓަރި ތެރޭގައި މަދީހާއާ އަލިބެ ތިއްބެވެ.

އަޒީމް އެތެރެއަށް ވަތްއިރު މަންޝާއަށް ވަނީ ނިދިފައެވެ. އަޒީމްގެ އިޝާރާތަށް އަލިބެ ކިޔަވަން ފައްޓަން އޭނާގެ އަތުގައި އޮތް ފޮތް ހުޅުވާލިއެވެ. ކިޔަވަން ފެށުމުގެ ކުރިން ފުންނޭވާއެއް ބޭރުކޮށްލަމުން އަލިބެ ވާހަކަދައްކަން ފެއްޓިއެވެ. "އަޒީމް... މީ އަލިބެ ތި އާއިލާއަށް ކޮށްދޭނެ އެންމެ ފަހުގެ ކަންތައް... އަސްލު މިފަދަ ކަންކަމަކީ އެތައްކަމެއް ސިިއްރުކޮށްގެން ކުރެވޭނެ ކަންކަމެއް ނޫން... ޟިރާރުގެ ހާޔާތުގެ މާޒީއާ ގުޅިފައިވާ ކަމަކަށް މިކަންވީއިރު ޟިރާރު މިއިން އެއްވެސް ކަމެއް އަހަރެން ކައިރީ ނުބުނުމުން ޒޭބާ އައިސްދާނެ ކަމަށް އަހަރެން ތައްޔާރު ނުވީ.. އެކަމުގެ ސަބަބުން މަންޝާއާ އަވަލައިގެން އުޅުނު ޖިންނިއަށް ސަލާމަތްވެވުނީ... ނުވިތާކަށް އަހަރެން ގެންގުޅުނު ޖިންނިވެސް ނެތިގެން ދިޔައީ... މަންޝާ އެއްވެސް ކަމެއް ހަނދާން ނެތްކަން އެއީ އަޒީމްގެ ނަސީބު... އެއީ ޖިންނިންނަށް އޭނާގެ ނަމުން ގޮވާލާ އިރަށް އެމީހަކު ހުރި ހިސާބަކަށް އާދެވޭނެ... އެ ޖިންނިންގެ ލޯތަކަށް މިއާއިލާ ފޮރުވަން މިފަންޑިތަ މިހަދަނީ... މަންޝާ އޭނާއަށް ގޮވާލައިފިއްޔާ އެހިސާބުން މި ހަދާ ފަންޑިތައިގެ ބާރު ކެނޑި ތި އާއިލާ އެމީހުންނަށް ފެންނާނެ..."

އަލިބެގެ ނިންމުމަށް އަޒީމް އެއްބަސްވެ ބޯޖަހާލިއެވެ. އަދި މަދީހާ ގާތު ހުރިހާ ކަމެއްވެސް ރަނގަޅު ވާނެކަމަށް ބުންޏެވެ. އަލިބެގެ ކިޔެވެލި ފެށުމުން މަދީހާ އެކޮޓަރިން ބޭރަށް ނުކުތީ ރޮމުންނެވެ. އޭނާގެ ދަރިފުޅަށް ދިމާވި ކަންތަކުން މަދީހާގެ ހިތަށް ކެތްނުވީއެވެ.

*** *** *** *** *** ***

ހޮސްޕިޓަލުން މަންޝާ ދޫކޮށްލުމުން އަޒީމް އަވަސްވެގަތީ ވީ އެންމެ އަވަހަކަށް މަންޝާ ގޮވައިގެން އައްޑޫއަށް ބަދަލުވާށެވެ. އިބްޒީމާއާ ޒިމްނާއާ ރަށަށް ދާން އުޅޭތީ އެމީހުންނާ އެކީ މަންޝާ ގޮވައިގެން ރަށަށްދާން އަޒީމް ނިންމިއެވެ. އަދި އައްޑޫއަށް ދާން ޓިކެޓް ހަމަޖެއްސިއެވެ. އަޒީމްމެން ދިރުއުޅުނު ގޭގައި މަޑުކުރަން އަޒީމް ބޭނުން ނުވީ މަންޝާއަށް ކަންތައްތަކެއް ހަނދާން ވެދާނެތީއެވެ.

ޒިބާން ހޭއަރާ މީހާ ހަމައަކަށް އެޅުނު އިރުވެސް އޭނާ އެއްވެސް މިހަކާ ވާހަކައެއް ނުދައްކައެވެ. ޒޭބާ ސަލާމަތް ނުކުރެވުމުން އެކަމާ ޒިބާން ހުރީ އިންތިހާއަށް ސައިބްރޯތު ދެކެ ރުޅިއައިސްފައެވެ. މޭ ދަށުގައި އަޅާފައިވާ ބޭސްގަނޑު ނައްޓާލުމުން ޒިބާން ތެދުވެ އޭނާ ގެއިން ބޭރަށް ދާން މިސްރާބު ޖެހިއެވެ. އެވަގުތު ޒިބާން ހިފެހެއްޓީ ސަކޭރާއެވެ.

"ކޮންތާކަށް ތި ދަނީ... އަދި ރަނގަޅަށް ހަމައަކަށް އެލޭންދެން މަޑުކޮށްލާ... ފަހުންވެސް މަންޝާ ކޮބާތޯ ބަލަންދެވިދާނެ... ނޫންތަ؟.." ސަކޭރާގެ އެދުމަށް ޒިބާން އެތާ މަޑުކުރާކަށް ބޭނުމެއް ނޫނެވެ. މަންޝާ އޮތް ހާލެއް ބަލަން އޭނާ ބޭނުންވިއެވެ. ޒިބާން ހޭއެރި ފަހުން ކުރަމުން ދިޔަ އިހްސާސުން މަންޝާއާ އޭނާގެ ގުޅުމަށް ހީނަރުކަމެއް އައިސްފިކަން އޭނާއަށް ހީވާކަހަލައެވެ.

ދުނިޔެއަށް އައިސް ޒިބާން ތިރިކޮށްލީ މަންޝާމެން ދިރިއުޅޭ ގެއަށެވެ. ނަމަވެސް ޒިބާނަށް އެތަނުން އެއްވެސް މީހަކު ފެންނަން ނެތުމުން ގޭތެރޭގައިވާ ސާމާނުތަކަށް ބަލާލިއެވެ. އެމީހުންގެ އަންނައުނާ ސާމާނުތައް ވަނީ މުޅިން ހުސްކޮށްފައެވެ. ޒިބާނަށް އެ އެޕާޓްމަންޓުން ފެންނަމުން ދިޔައީ ފަޅުކަމެވެ. މަންޝާ ވީީތަނެއް އޭނާ ހޯދަން މަސައްކަތް ކުރިއެވެ. އޭނާ ދެލޯ މަރާލަމުން ސިކުނޑިއަށް ބާރުކޮށްލީ މަންޝާގެ އިހްސާސް އޭނާއަށް ކުރޭތޯއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އޭނާއަށް އިހްސާސެއް ނުވެއެވެ. ޒިބާންގެ ސިކުނޑީގެ ކަނަކުން މަންޝާ ދެން އެނބުރި ނާންނާނޭ ބުނާ ކަހަލައެވެ. ނަމަވެސް އެކަން އޭނަ ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. މަންޝާމެން ކޮޓަރި ބެލްކަންޏަށް ނުކުމެ ޒިބާން ބޭރުބަލާލިއެވެ. ޒިބާނަށް މަންޝާއާ ނުލާ ނޫޅެވޭނެއެވެ. އެޚިޔާލުން ޒިބާންގެ ހިތް ކުދިކުދިވެގެން ދިޔަކަހަލައެވެ. ދެލޮލުން ހިފެހެއްޓުމެއް ނެތި ފައިބަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ޒިބާން ކަރުބުޑުން މަންޝާގެ ނަމުން ގޮވާލިއެވެ.

ގޭ ދޮރުމަތީ މަޑުކޮށްގެން އޮތް ޓެކްސީއަށް ލަގެޖް އެރުވުމަށްފަހު މަންޝާ ޓެކްސީއަށް އަރަން ދޮރުހުޅުވާލި ވަގުތު އޭނާގެ ހިތަށް ތަފާތު އިހްސާސެއް ވާން ފެށިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް އޭނާގެ ގައިގާ ބީހެމުން ދިޔައިރު އޭނާގާތު މަޑުކުރާށޭ ބުނާ ކަހަލައެވެ. އެވަގުތު މީހަކު ބެލްކަނީގައި ހުރިހެން އޭނާއަށް ހީވުމުން އިސްއުފުލާ ބެލަކަންޏާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އެތަނުން މަންޝާއަށް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މީހަކު ގޮވާލިހެންވެސް އެނާއަށް ހީވިއެވެ. މަޑުޖެހިފައި މަންޝާއަށް ހުރިތަން ފެނިފައި މަންޝާއަށް އަޒީމް ގޮވާލިއެވެ."ހެއި ކިހިނެއްވީ؟..."

ކަމެއް ނުވެއޭ ބުނަމުން މަންޝާ ކާރަށްއަރާ އިށީނެވެ. ހުޅުމާލެ ފެރީ ޓަރމިނަލަށް ދާން ކާރު މިސްރާބު ޖެހި އިރުވެސް މަންޝާއަށް ކާރުގެ ކުޑަދޮރާ ދިމާލުން ބެލެމުން ދިޔައީ އެގޭގެ ބެލްކަންޏާ ދިމާއަށެވެ. މަންޝާގެ ހިތަށް ވަމުން އެދާ އުނދަގޫ އޭނާއަށް ބަޔާންކޮށްދޭކަށް ނޭނގުނެވެ. އެނގޭހާވެސް ކަމަކީ އޭނާއަށް ވަރަށް ހާއްސަ އެއްޗަކާ ދުރަށް ދެވެނީ ހެންނެވެ. އެ ހާއްސަ އެއްޗަކީ ކޮން އެއްޗެއްކަން ދެނެގަންނަން ނޭގުން އެއީ ތަގްދީރު މަންޝާއާ ކުޅުނު ބޮޑު ޑްރާމާއެކެވެ. ވޭތުވެދިޔަ ދެމަސްދުވަހެއްހާ މުއްދަތުގެ ކަންތައްތައްވަނީ އޭނާގެ ހަނދާނުން މުޅިން ފުހެވިފައެވެ.

އެއަރޕޯޓަށް ދެވުމާ އެކީ އަޒީމް އެދެމަފިރިންގެ ލަގެޖް ޓްރޮލީއަށް ލައިގެން މިސްރާބުޖެހީ ޑިޕާޗަރ ޓަރނަލްއަށް ވަންނާށެވެ. "މަންޝާ ހިނގާ އަވަހަށް އެތެރެއަށް ވަންނަން... މަންމައާ ޒިމީ މިހާރު ޗެކްއިން ވެއްޖެ..."

އަޒީމްގެ ފަހަތުން ހިނގަމުން ދިޔައިރު ވަށައިގެން އެ މާހައުލަށް މަންޝާ ބަލަމުން ދިޔައެވެ. އެތައް ބަޔަކު އެތަނުން ވަދެ ނުކުންނަ ތަން ފެނުނެވެ. އެމީހުންގެ ތެރެއިން ނުކުމެގެން ދިޔަ މީހުންތަކަށް މަންޝާ ބަލަމުން ދިޔަ ނަމަވެސް މަންޝާ ވިސްނަމުން ދިޔައީ އޭނާގެ ހިތަށް ކުރަމުން ދިޔަ ތަފާތު އިހްސާސްތަކަށެވެ. ފެންނަ ކޮންމެ މޫނެއް އެއީ ދަންނަ މީހެއްކަމަށް އޭނާއަށް ހީވާ ހީވުމުން އޭނާ ބިރުގަނެ ފަސްޖެހޭ ގޮތްވިއެވެ.

ޓަރމިނަލް ތެރެއިން ނުކުތް މީހަކު ދިޔައީ މަންޝާގެ ގައިގާ ޖެހިގެންފައެވެ. މަންޝާގެ ކޮނޑުގައި އަޅާފައިވާ އަތްދަބަސް ވެއްޓުމުން އެ ނަގަން މަންޝާ ގުދު ވެލިއެވެ. އޭރު އެތަނަށް ވެއްޓިފައިވާ ފޮތް މަންޝާގެ ލޮލުގައި އަޅައިގަތެވެ. ފޮތް ނަގަމުން މަންޝާ ފަހަތަށް އެނބުރި ބަލާލީ އެމީހާއަށް އެފޮތް ހަވާލު ކުރާށެވެ. ނަމަވެސް އެތާ ވަރަށް މީހުން ގިނައެވެ. އެ އެންމެންގެ ތެރެއިން މަންޝާ ގައިގަ ޖެހުނު މީހާ ދެނެގަންނާކަށް ނޭނގުނެވެ. އަޒީމް ގޮވާލުމުން މަންޝާ އެނބުރި ބަލާލިއެވެ. އަދި މަންޝާގެ އަތް ދަބަސްތެރެއަށް އެ ފޮތްލަމުން ކުރިއަށް ހިނގައިގަތެވެ.

ފްލައިޓަށް އެރުމަށްފަހު މަންޝާ އިށީނީ ކުޑަދޮރު ކައިރީގައިވާ ސީޓެއްގައެވެ. މަންޝާ ކައިރީގައި ޒިމްނާ އިށީނީ އިބްޒީމާ ކައިރީގައި އޭނާ އިންނަން ބޭނުން ނުވާތީއެވެ. ޒިމްނާ އެތާ އިށީނުމުން އަޒީމް ސިއްރުސިއްރުން މަންޝާ އާ މާގިނައިން ވާހަކަ ނުދައްކައްޗޭ ބުނެލިއެވެ. އެކަމަށް އެއްބަސްވެ ޒިމްނާ ބޯޖަހާލީ ކުރިން އަޒީމް ދައްކާފަހުރި ވާހަކަތަކަށް ބުރަވެފައެވެ. މަންޝާގެ ހަނދާނުން ބައެއް ފުހެވިފައިވާކަން އަޒީމް ކިޔައިދީފައި ވާތީއެވެ. މަންޝާއަށް ބަލާލަމުން ޒިމްނާ ހީލިއެވެ. އަދި މަންޝާގެ ނިތްކުރީީގައި އަޅާފައިވާ މަލަންކޮޅަށް ބަލާލިއެވެ.

"ބޮލުގަ ރިއްސާތަ؟..." ޒިމްނާ ކުރި ސުވާލުން މަންޝާ ނިތްކުރީގައި އަތްޖައްސާލިއެވެ. ނޫނެކޭ ބުނެ މަންޝާ ހިނިތުންވެލަމުން ދަބަހަށް ލީ ފޮތް ބަލާލަން ނަގާ ހުޅުވާލިއެވެ.

އެއީ ކަޅުކުލައިގެ ޑައިރީއެއް ފާޑުގެ ފޮތެކެވެ. ފޮތް ހުޅުވާލުމާ އެކީ މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެއީ މަންޝާ ދަންނަ މީހެއްގެ ފޮތެއްކަން އެ ލިޔުން ފެނިފަވެސް މަންޝާއަށް އެނގުނެވެ. މަންޝާ އެފޮތުގެ ފުރަތަަމަ ސަފްހާގައިވާ ލިޔުންކޮޅު ކިޔާލިއެވެ.

"އަފްނާން ކިޔަވާހިތެއް ނުވޭ... ސްކޫލަށް ދާކަށް ބޭނުމެއް ނުވޭ.... ބައްޕަ އަފްނާނަށް ވަރަށް ރަނގަޅު... މަންމަ މަސައްކަތް ކުރަނީ އަފްނާން ކޮންރޯލް ކުރަން އައި ޖަސްތް ހޭޓް އިޓް...."

މަންޝާއަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ މުނީރައްތަގެ ދަރިފުޅު އަފްނާނެވެ. އެއީ އަފްނާންގެ ހިތުގެ އުދާސްތައް ބޭރުކޮށްފައިވާ ފޮތެވެ. ޓަރމިނަލް ތެރެއިން ފެނުނު މީހުންގެ މޫނުތައް ހަނދާންކުރަން މަންޝާ މަސައްކަތް ކުރިިއެވެ. އަފްނާންގެ ސިފަހިތަށް ގެންނަން މަސައްކަތް ކުރި ނަމަވެސް މަންޝާގެ ހަނދާނަށް އަންނަނީ ކުޑަކުޑަ އަފްނާން ހުރި ގޮތެވެ. ފަހުން އަފްނާނާ ދިމާވި ހަނދާން މަންޝާއެއް ނުވެއެވެ. އެމީހުންގެ ތެރެއިން އަފްނާން ފެނުނުކަންވެސް މަންޝާއަށް ނޭނގުނީ އެހެންވެއެވެ. އެކަމަކު މަންޝާ ފެނިގެން އަފްނާން މަޑުނުކުރީ ކީއްވެހެއްޔެވެ. އެހާ ގިނަ ބައެއްގެ ތެރެއިން އަފްނާނަށްވެސް މަންޝާ ވަކިކުރަން ނޭގުނީކަމަށް ވެދާނޭ މަންޝާގެ ހިތަށް އެރިއެވެ.

"ހެއި ޑްރީމް ގާރލް..." މީހަކު ވާހަަކަ ދައްކާ އަޑަށް މަންޝާ އިސްއުފުލާ ބަލާލަމުން އަތުގައި އޮތް ފޮތް ލައްޕާލިއެވެ. މަންޝާގެ ކުރިމަތީގައި ދެބުމަ އަރުވާ ދެލޯ ބޮޑުކޮށްގެން ހުރި ޒުވާނާއަކީ ވަރަށް ރީތި ޒުވާނެކެވެ. އެއީ ހަމުގެ ކުލަ ދޮން ވަރަށް ރީތި މީހެކެވެ. ކޮނޑާހަމައަށް އަންނަ ފަން ދިގު އިސްތަށިތަކުގެ ކޮޅުގައިވަނީ ރަތްކުލަ ޖައްސާފައެވެ. ލޮލުގެ ކަޅި ހުރީ މުށި ކުލައަކަށެވެ.

"ޔަގީން މީ ބޭރު މީހެއް... ހާދަ ރީއްޗޭ ދޯ.." އެ ޒުވާނާއާއި ދިމާލަށް މަންޝާ ބަލަންހުރީ އޭނާގެ ރީތިކަމުންނެވެ. ފިލްމުތަކުން ފެންނަކަހަލަ ފުރިހަމަ ކަމެއް ލިބިފައި ހުރި މި ޒުވާނާ ފެނުމުން މަންޝާގެ ހިތް ބާރަށް ތެޅެން ފެށިއެވެ.

އޭރު އޭނާގެ ފަން ދިގު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން ހިނިތުންވެލިއެވެ. "ތިތަނަށް މަގޭ ކެމެރާގެ ލެންސް ވެއްޓިއްޖެ... ނަގައިދީބަލަ... އިފްޔޫ ޑޯންޓް މައިންޑް..." ކަޅި ޖަހާނުލާ އޭނާއާ ދިމާއަށް ބަލަން އިނދެވުނީ މަންޝާއަށް އެސޫރައަކީ ދަންނަ މީހަކާ ވައްތަރުވުމުންނެވެ.

"ޑޫ ޔޫ ނޯމީ..." މަންޝާ ސުވާލުކޮށްލީ އެއީ އޭނާއަށް ހީވި ހީވުމެއްތޯ ޔަގީން ކުރާށެވެ.

"ނޯ... ބަޓް ޔުއާ ވެރީބިއުޓިފުލް..." އެއްލޯ މަރާލަމުން އެޒުވާނާ ވާހަކަ ދެއްކި ގޮތުން އޭނާއާ ޖެހިގެން ހުރި ފިރިހެން ކުއްޖާ ގާތަށް ހިނިއައެވެ. މަންޝާގެ ފައި ކައިރީގައި އޮތް ލެންސް ނަގާ އެ ޒުވާނާ އަތަށް ދިއްކޮށްލުމުން އެ ފިރިހެން ކުއްޖާ ގޮނޑީގައި އިށީނެވެ.

"ޑުޔޫނޯ މީ...." މާހިރު ވާހަކަ ދެއްކީ ތުއި އަންހެން އަޑަކުންނެވެ. މަންޝާ ބުނި މިބަސް ތަކުރާރު ކޮށްލަމުން ކިޝާންއާ މާހިރު ދިމާކޮށްލިއެވެ. "އެމަންޖެ އެހުރީ ކިޝަން ފެނިފަ ފަސްޓް ސައިޓުން ފޯލް ވެފަ.."

"މާއްޓޭ.... ސާބަސް.... އެނީވޭޒް އައިމް ހޮޓް.. ސޯ އަހަރެން ވަަރަށް ކާމިޔާބުވާނެ... އެމަންޖެ އަހަންނަށް ސެޓްވާނެ..." މާހިރަށްވުރެ ކިޝަން ކާމިޔާބުކަން ހާމަކުރަން އޭނާ ބޭނުންވިއެވެ. "ބަޓް ޝީޒް ޓޫ އޯލްޑް... އެކަމު ހަޑިއެއްވެސް ނޫން... އައި ތިންކް އައި ޝުޑް ޓަރައި ހާ... ޝީ މަސްޓްބީ ރިއަލީ އެކްސްޕީރިއަންސް..." ކިޝަން މިހެން ބުނެ ސީޓް ބެލްޓް އަޅުވާލިއެވެ.

މަންޝާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ފްލައިޓް ނައްޓާލުމުން މަންޝާ ބާރުބާރަށް ސީޓުގެ އަތްގަނޑުގައި ހިފެހެއްޓިއެވެ. ދެލޯ މަރާ ބާރުކޮށްލަމުން ފުންނޭވާއެއް ބޭޭރުކޮށްލިއެވެ. ބަނޑަށް ހީލިއަރާކަހަލަ ގޮތެއް އިހްސާސްވުުމުން މަންޝާ ދެލޯ ހުޅުވާ ބަލާލީ ކުޑަދޮރާ ދިމާއަށެވެ. ވިލާތައް މަތިން ޕްލައިޓް ދަތުރުކުރަން ފެށުމުން މަންޝާއަށް އެމަންޒަރު ވަރަށް ކަމުދިޔައެވެ. ވިލާތަކުގައި އަތް ޖައްސާލަން ލިބޭނެ ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

އިރުއިރުކޮޅުން ކުރިމަތީ ހުރި ސީޓުުގައި އިން ބީރައްޓެހި ޒުވާނާއަށް މަންޝާއަށް ބެލެނީ ކީއްވެގެންކަމެއް ނޭނގެއެވެ. މަންޝާއަށް ކަމުދިޔައީ އޭނާގެ ސޫރާ އެކަންޏެއް ނޫނެވެ. އެ އިސްތަށިގަނޑުވެސް މަންޝާއަށް ކަމުދިޔައެވެ.

މަންޝާއަށް ނޭނގޭ ކަމަކީ އެއީ އެ ސިފައެއްދެކެ އިންތިހާއަށް މަންޝާ ލޯބިވީ ސިފައެވެ. ޒިބާންއައިސް މަންޝާ ގާތުގައި އުޅުނީ އެ ސިފައިގައެވެ. މަންޝާގެ ސިކުނޑިއަށް ބާރުކުރާތީ އޭނާގެ ދެލޯ މަރާ ބާރުކޮށްލިއެވެ. ނުވިސްނަން މަސައްކަތް ކުރި ނަމަވެސް އެވަގުތު މަންޝާގެ ކަންފަތުގައި ޖެހުނީ ތުއްތު ކުއްޖެއްގެ ރުއިމުގެއަޑެވެ.

އެއަޑު ޖެހުމުން މަންޝާ ލޯހުޅުވާ ފަލްއިޓު ތެރެއަށް ނަޒަރު ހިންގާލީ މަންޝާގެ ގައިން ހީބިހި ނެގުމުންނެވެ. މަންޝާ ލައިގެންހުރި ހެދުން ތެމޭކަން އޭނާއަށް އިހްސާސް ވިއެވެ. ހެދުމަށް މަންޝާ ބަލާލީ ހައިރާންވެފައި ހުރެއެވެ. މަންޝާގެ ހެދުމުގެ ދެފަރާތުން ކިރުފައިބެ ހެދުން ވަނީ ތެމިފައެވެ. އެވަގުތު ދެލޯ ބޮޑުކޮށްލަމުން އަނެއްފަރާތު ސީޓުގައިއިން އަޒީމާ ދިމާއަށް މަންޝާ ބަލާލީ ގުދުވަމުންނެވެ. މަންޝާގެ މޫނުގެ ކުލަވަރު ފެނުމުން އަޒީމް ހާސްވިއެވެ. އެ ޖިންނި މަތިން އޭނާ ހަނދާންވާކަށް އަޒީމެއް ނޭދެއެވެ.

ނިމުނީ

ސީޒަން 2 އަށް އިންތިޒާރުކޮށްލައްވާ!