އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހުޅުމާލެއިން ގަތް ދެ އެޕާޓްމެންޓައް ފުލުހުންނާ ހަވާލުކުރުމަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އޭނާގެ ފަރާތުން އެދިއްޖެއެވެ.

ބައްސާމްގެ ދެ އެޕާޓްމެންޓް ފުލުހުންނާ މިއަދު ހަވާލުކުރަން ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. އެއާއެކު ފުލުހުން ވަނީ ބައްސާމްގެ ދެ އެޕާޓްމެންޓް އެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށައިފައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ، އެޕާޓްމެންޓްތައް ހަވާލުކުރުމަށް މި މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށާއި، އެ ސިޓީއަށް ޖަވާބު ދިނުމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނީ، އަމިން އެވެނިއު އިން ދެ ފްލެޓް ގަތުމަށް ބައްސާމް އެފްއޭއެމްގެ ފަައިސާއިން 3.08 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރުގެ އޭޕްރީލް 14 ގައި ބައްސާމް އަމިން އެވެނިއުއަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށާއި، އެ އަދަދަށް ވާ ވަރަށް އެފްއޭއެމްގެ އެކައުންޓަށް ރުފިޔާ ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ބައްސާމްގެ އިތުރުން އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަންގައި އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާ އަށް ފޮނުވައިފައެވެ.

މަނީ ލޯންޑާކުރުމާއި ކޮރަޕްޝަނާއި ޖިނާއީ އިތުރު ކުށްތަކެއް ކުރިކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރު ޖެނެރަލްގެ އިދާރާގެ އެންގުމަކަށް އެފްއޭއެމްގެ މައި އިދާރާ ބަލައި ފާސްކޮށް ކުރި ތަހުގީގުގެ މައްޗަށް ބެލުމަށްފަހު ފީފާއިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑުވެސް ކޮށްފައެވެ.