ފީފާއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަށް އިތުރު 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
ބައްސާމްގެ މައްޗަށް މިދިޔަ އާދީއްތަ ދުވަހު ވަނީ، ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށްގެން ހުޅުމާލޭގެ އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ. މިއަދު އެ ދައުވާތަކާ ގުޅޭ އަދަބު ކަނޑައަޅަން ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ގެންދިޔަ އެވެ.
މިއަދުގެ މަޖިލީހުގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެ ފަރާތަށް ފުރުސަތު ދިނުމަށް ފަހު، ގާޒީ މުހައްމަދު މިސްބާހު ކަނޑައެޅުއްވާފައި ވަނީ އަސާސީ އަދަބަށްވުރެ ތިން ދަރަޖަ މަތި އަދަބެކެވެ. އެގޮތުން ހިޔާނާތުގެ ކުށުގެ ދައުވާގައި 8 އަހަރަށް ޖަލަށް ލާން ހުކުމް ކުރެއްވިއިރު މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން ބައްސާމް 15 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.
އެގޮތުން ޖޫރިމަނާގެ ގޮތުގައި ބައްސާމްގެ މައްޗަށް ކަނޑައެޅީ ޖުމްލަ 44.7 މިލިއަން ރުފިޔާ އެވެ. އަދި ހަމަ އެހެންމެ މަނީލޯންޑާކުރިކަމަށް ބުނާ 5.7 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށް ވަނީ އަމުރު ކޮށްފައެވެ. އެ ފައިސާ ހުރީ އަމިން ކުންފުނީގެ އަތުގައި ކަމަށް ދައުލަތުން ކުރިން ބުނެފައިވީ ނަމަވެސް، އެ މައުލޫމާތު ކަށަވަރުކޮށް ހުށަހަޅަން ގާޒީ ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލައާ ގުޅިގެން އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. ނަމަވެސް އެ މައްސަލަތަކުގައި ހިމެނޭ އަމިން ކޮންސްޓްރަކްޝަނާ ދެކޮޅަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.
ދެން ދައުވާ ކުރި މީހުންނާ މެދު ގޮތެއް ނިންމާފައި ނުވާއިރު ޕީޖީ އޮފީހުން ވަނީ އަމިން ކޮންސްޓްރަކްޝަން އާއި ގުޅޭ މައްސަލަ އިސްތިއުނާފް ކުރުމަށް ގަސްދު ކުރާ ކަމަށް ބުނެފައެވެ.
އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ބައްސާމް މިހާރު ވެސް ގެންދަނީ 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. މިއަދު ބައްސާމް މައްޗަށް އިއްވި 23 އަހަރުގެ ޖަލު ހުކުމާ އެކު އޭނާގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމް މިހާރު އެބަ އޮތެވެ.
