ކޮރަޕްޝަންގެ ކުށްތަކެއް ސާބިތުވެ 32 އަހަރަށް ޖަލަށްލާފައި ހުރި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކުރިތާ މާ ގިނައިރެއް ނުވެ އަނބުރާ ޖަލު ބަންދުކޮށްފިއެވެ.

ބައްސާމް ގޭ ބަންދަށް ބަދަލުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ސާޖަރީއަކަށްފަހު ޑޮކްޓަރުގެ މެޑިކަލް ލަފާގެ މަތިން ކަރެކްޝަނުން އެފަދަ ހާލަތުގައި އަމަލުކުރަން ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ކަމަށް އިއްޔެ ކަރެކްޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް ބައްސާމް ގޭ ބަންދަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް އަނެއްކާ މިވަނީ ޖަލު ބަންދަށް ބަދަލުކޮށްފައެވެ. އޭނާ އަނބުރާ ޖަލު ބަންދަށް ބަދަލުކޮށްފައި ވަނީ ޖަލުގައި މިވަގުތު ބަހައްޓައިގެން ސާޖަރީއަށްފަހު ދޭ ފަރުވާއަށް އަވަސްކޮށް ގެންދެވޭނެ އިންތިޒާމު ހަމަޖެހުމުން ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

ބައްސާމްގެ މައްޗަށް ދައުވާކުރި ދެ މައްސަލައެއްގައި ކުށް ސާބިތުވެ، އޭނާ ގެންދަނީ ޖުމުލަ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

އެއީ އެފްއޭއެމަށް 2018ގައި ފީފާއިން ޖަމާކުރި ޑޮލަރުގެ ތެރެއިން 10،000 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގައި 9 އަހަރުގެ ހުކުމަކާއި، ކޮވިޑް ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލައިގައި 23 އަހަރުގެ ޖަލު ހުކުމެކެވެ.

އޭނާ ޖަލަށްލާން ކުރި ހުކުމްތަކުގެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. މީގެއިތުރުންވެސް ބައްސާމް އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.