ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު ހުޅުމާލެއިން ގަތް 2 ޕެންޓްހައުސް ނުވަތަ އެޕާޓްމަންޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ބުނީ، ބައްސާމްގެ ދެ އެޕާޓްމަންޓް މިމަހުގެ ހަވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އަމުރު ކޮށްފައިވާ ކަމަށެވެ. އަދި އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށް އެ ހިދުމަތުން ވަނީީ ބުނެފައެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތުމަށް ވަނީ ބޭނުންކޮށްފައެވެ.

އަދި 2021 ވަނަ އަހަރުގެ އޭޕްރީލް 14 ގައި ބައްސާމް އަމިން އެވެނިއުއަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަމަށް ފުލުހުން ބުނެފައިވާއިރު، އެ އަދަދަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ބައްސާމުގެ އިތުރުން އަމިން އެވެނިއުގެ ވެރިފަރާތް ކަމަށްވާ އަމިން ކޮންސްޓްރަކްޝަން އާއި، އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އަށް ފޮނުވާފައެވެ.

މަނީ ލޯންޑާ ކުރުމާއި ކޮރަޕްޝަނާއި އަދި ޖިނާއީ އިތުރު ކުށްތަކެއް ކޮށްފައިވާކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނެރުނު އަމުރެއްގެ ދަށުން އެފްއޭއެމް ހައުސް ބަލާ ފާސްކުރުމާއި ގުޅިގެން ކުރެވުނު ތަހުގީގުގެ މައްޗަށް ބެލުމަށްފަހު ފީފާއިން ވަނީ ބައްސާމް ނުވަ މަސްދުވަހަށް ސަސްޕެންޑުވެސް ކޮށްފައެވެ.