ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ހޯދައި ދިނުމާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާއާއެކު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާތައް ކުރައްވާފައި ވަނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު ސައުދީއަށް ކުރައްވަމުންގެންދާ ދަތުރުގެ ތެރެއިން އެ ގައުމުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބެހޭ އޮތޯރިޓީގެ ގަވަރުނަރާއި އަދި ރިޔާޟު ޗެންބާގެ ޗެއާމަނާ ބައްދަލު ކުރައްވައެވެ.
މި ޒިޔާރަތުގެ ތެރެއިން އެ އޮތޯރިޓީގެ ގަވަރުނަރާ ބައްދަލުކުރައްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލްމުންޝާތުން ދެމުންގެންދާ އެހީތެރިކަމުގެ މައުލޫމާތު ގަވަރުނަރު ވަނީ ދެއްވާފައެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިފަދަ ވިޔަފާރިތަކާއި ސައުދީ އަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި ހަމައެހެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް ކްރިއޭޓިވް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ގާއިމްކުރުމަށް ޓަކައި 5 އަހަރުގެ އިސްތިރާޖެއް ސަރުކާރުން މިހާރު ވަނީ އެކުލަވާ ލާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ސައީދު ރިޔާޟު ޗެމްބާ އަށް ޒިޔާރަތް ކުރައްވައި ޗެމްބާގެ ޗެއާމަން އަބްދުﷲ އަލް އުބައިކާން ވެސް ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ވިޔަފާރިތަކާއި ސައުދީ އަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު މަޝްވަރާކުރައްވާފައިވެއެވެ.
ސައީދުގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފައެވެ.