ޑޮލަރު މާރުކުރަން ޖެހޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ މިއީ ދިގު މުއްދަތެއްގައި އިގްތިސޯދަށް ފައިދާ ކުރާނެ ބިނާކުރަނިވި ބަދަލެއް ކަމުގައި އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވެއްޖެއެވެ.

ނާޝިދު ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރީ (އެމްއެމްއޭ) އިން ދާދި ފަހުން ތައާރަފް ކުރި ފޮރިން ކަރަންސީ އެކްސްޗޭންޖް ގަވާއިދަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. މިއީ ރާއްޖޭގެ ބޭންކިން ނިޒާމަށް ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް އެޅުނު ހަރުދަނާ އަދި މާނަ ހުރި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅާއެކު ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލައަށް ހައްލު ލިބިގެން ދާނެ ކަމަށާއި ބޭހާއި ކާބޯތަކެތީގެ ބާވަތްތައް ފަދަ ޒަރޫރީ އިމްޕޯޓްތަކުގެ އިންފްލޭޝަން މިހާރަށް ވުރެ ރަނގަޅަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް ނާޝިދު ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް މި ގަވާއިދު ތަންފީޒް ކުރުމުގެ ކުރިން ފަތުރުވެރިކަމާ ގުޅުންހުރި ފަރާތްތަކާއެކު އެކަށީގެންވާ މަޝްވަރާތަކެއް ކުރެވުނު ނަމަ، މިކަން މިއަށްވުރެ ވެސް ވަރުގަދަ ވީސް ކަމަށށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖުމްލަ ގޮތެއްގައި މިއީ ދިގު މުއްދަތެއްގައި އިގްތިސޯދަށް ފައިދާ ކުރާނެ ބިނާކުރަނިވި ބަދަލެއްގެ ގޮތުގައި ނާޝިދު ސިފަ ކުރެއްވިއެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދު އިސްލާހުކޮށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފެށުމާއެކު އެމްއެމްއޭ އިން މާޗް 1، 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދު ވަނީ އުވިފައެވެ.

ބޭރު ފައިސާއާ ބެހޭ ގަވައިދާ ގެނައި އިސްލާހުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށެވެ. މި ގަވައިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ހޮޓާތަކާއި، ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.

ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.