އިންޑިއާގެ އުފައްދާ 16 ބޭހަކުން ކޮލިޓީގެ މައްސަލަތަކެއް ފާހަގަކުރެވި، ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބުނީ އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ 16 ޕްރޮޑަކްޓަކުން ކޮލިޓީގެ މައްސަލަތައް ފާހަގަ ކުރެވިފައިވާތީ، އިންޑިއާގެ ބޭސް ރެގިއުލޭޓް ކުރާ މައި އިދާރާ ސީޑީއެސްސީއޯއިން އެލާޓްކޮށްފައިވާ ކަމަށެވެ.

ސީޑީއެސްސީއޯގެ މި އެލާޓާއި ގުޅިގެން ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމަށް އެމްއެފްޑީއޭގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއްކޮށް މާކެޓް އިވެލުއޭޝަން ހަދާފައިވާނެ ކަމަށް އެ އޮތޯރިޓީއިން ބުނެއެވެ. އަދި ބެލިބެލުމުން، މި ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެއަށް އިމްޕޯޓް ކުރެވިފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ކޮލިޓީ މައްސަލަ ފާހަގަކުރެވިފައިވާ ބޭސްތައް:

  1. ޕުލްމޮސިލް
  2. ޕެންޓޮސިޑް
  3. އާސޮކޯލް 300
  4. ތެލްމާ އެޗް
  5. ޑެފްލަޒަކޯޓް ޓެބްލެޓްސް
  6. ޕެޒިވާ-40
  7. ޕެންޓޯމްޑް-40
  8. ސެފިކްސައިމް އޯރަލް ސަސްޕެންޝަން އައިޕީ
  9. މޮކްސީމެޑް ސީވީ
  10. ފްރުސެމައިޑް އިންޖެކްޝަން އައިޕީ 20 އެމްޖީ
  11. ކުދަޖަރިޝްތަމް
  12. ޓެބް ނޮޑޮސިސް
  13. ހަރިދްރަހަންދަމް
  14. ޕެންޓަޕްރޮޒޯލް އިންޖެކްޝަން- ބީޕީ 40 އެމްޖީ
  15. ޔޯގަރާޖާ ގުއްގުލޫ
  16. ޕެންސެފް - އޯއެފް

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާއިން ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.