ޑޮލަރު މާރުކުރަން ޖެހޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވި ނަމަވެސް، އެ ނިންމުން އަލުން މުރާޖައާކުރުމަށް، މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ގޮވާލައްވައިފިއެވެ.
ބޭރު ފައިސާއާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން:
- ރިސޯޓުތަކަށް ދާ ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭ
- ގެސްޓްހައުސްތަކަށް ދާ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަން ޖެހޭ
- އޭރުން މިދިޔަ އަހަރު ރާއްޖެއަށް އައި 1.8 މިލިއަން ފަތުރުވެރިންގެ ތެރެއިން 1.5 މިލިއަން ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށް ކަމަށް ވަންޏާ ރިސޯޓުތަކުން ޑޮލަރު މާރުކޮށްގެން އަހަރަކު 750 މިލިއަން ޑޮލަރު ލިބޭނެ
ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް 'އެކްސް'ގައި ވިދާޅުވީ 2022 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ފާސްކުރީ ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ އިންސައްތައެއް މާރުކުރަން ޖެހޭ ގޮތަށް، ބޭރު ފައިސާ ހޯދާ ފަރާތްތަކަށް ވެސް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ބަލާފައި ކަމަށެވެ. އެކަމަކު އެ ނިންމުން އޭރު ތަންފީޒު ނުކުރެވުނީ އޭނާ ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީ ރޭޓް ބޮޑުވުމާއި ކޮވިޑުން އަރައިގަތުން ފަދަ ސަބަބުތަކާ ހެދިއެވެ.
"ޑޮލަރުގެ ބާޒާރުގައި ހުރި ދަތިތަކަށް ހައްލެއް ލިބޭނީ މި ފިޔަވަޅުގެ ސަބަބުން އެކަންޏެއް ނޫން، މެކްރޯއިކޮނޮމިކް ބެލެންސް އަލުން އިއާދަކުރުމަށް މަސައްކަތްކުރުމަށްޓަކައި ސަރުކާރުގެ ބޭކާރު ހަރަދުތައް ކުރުން ހުއްޓާލައި މަނިޓަރީ ޕޮލިސީ އެއްގޮތްކޮށް، ފައިސާ ބަދަލުކުރާ މުއައްސަސާތައް މޮނިޓާކުރުން ހަރުދަނާކުރުމުގެ އިތުރުން، އެހެނިހެން ފިޔަވަޅުތައް އަޅަން ޖެހޭ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، ސަރުކާރުން މި އިސްލާހު މުރާޖައާކޮށް، ފަތުރުވެރިއަކަށް ޑޮލަރުގެ ރޭޓުން މާރުކުރާ ގޮތަށް ހެދުމުގެ ބަދަލުގައި ފަތުރުވެރިކަމުން އެ ލިބޭ އާމްދަނީގެ ނިސްބަތުން ޑޮލަރު ނަގާ ގޮތަށް ބަދަލުކުރަން ފެންނަ ކަމަށެވެ. ނޫން ނަމަ ފަތުރުވެރިކަމުން އެންމެ ގިނަ އާމްދަނީ އެއް ހޯދާ ގެސްޓްހައުސްތަކަށާއި ދަށު ފަންތީގެ ރިސޯޓުތަކުގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިކަމާ ގުޅޭ ގޮތުން ހިއްސާދާރުންނާ އިތުރަށް މަޝްވަރާކޮށް ގާނޫނު ރަނގަޅަށް އިސްލާހުކުރުމަށް ފައްޔާޒް ވަނީ އެމްއެމްއޭ އަށް ގޮވާލައްވައިފައެވެ.