އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
'އެކްސް'ގައި އެމަނިކުފާނު މިރޭ ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، އިޒްރޭލުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށެވެ.
"އިޒްރޭލު ޖަވާބުދާރީކުރުވައި ލުބުނާނަށާއި ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އަޅަން ޖެހޭ،" ރައީސްގެ ޕޯސްޓުގައި ވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، އިޒްރޭލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް ހުރަސްއެޅެމުންދާ ކަމަށެވެ. އެހެންކަމުން ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލަށް ފިޔަވަޅު އެޅުމަށާއި އިޒްރޭލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.
އިޒްރޭލުން މިހާތަނަށް ދިން ހަމަލާތަކާ ގުޅިގެން ލުބުނާންގެ 1،600 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. އެ ހަމަލާތަކުގެ ތެރޭގައި ލުބުނާންގެ ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ވެސް ވަނީ ޝަހީދުވެފައެވެ.