ރާއްޖެ އެތެރެކުރާ ބައެއް ބޭސްތަކުގެ ކޮލިޓީގެ މައްސަލަ އުޅޭތީ ރާއްޖެ އަށް ބޭސް އެތެރެކުރާ ބައެއް ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކުރުމަށް އެމްއެފްޑީއޭއިން ނިިންމައިފިއެވެ.

އިންޑިއާގައި އުފައްދާ 48 ބާވަތެއްގެ ބޭހެއްގައި މައްސަލަ ހުރިކަން ފާހަގަވެފައިވާތީ އެ ގައުމުގައި ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ ސީޑީއެސްސީއޯ އިން ވަނީ އެކަން ސަމާލުކަމަށް ގެނެސްފައެވެ. އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްއެފްޑީއޭ އިން ބުނީ މާކެޓުގައި އަދި އެޕްރޫވްޑް ލިސްޓްގައި އެ ބޭސްތައް ހިމެނޭތޯ ބެލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ބުނީ އެގޮތަށް ބެލިބެލުމުން، ސީޑީއެސްސީއޯގެ ލިސްޓުގައި ހިމެނޭ ބޭހެއްގެ އެއްވެސް ބެޗެއް 2018 ވަނަ އަހަރުން ފެށިގެން އެތެރެކުރެވިފައިނުވާ ކަން ޔަގީންކުރެވިފައިވާ ކަމަށެވެ. އެކަމަކު އިންޑިއާއަކީ ގިނަ ދިވެހީން ބޭސްކުރަންދާ ގައުމަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލައަށް ބޭސް އެތެރެކުރާތީ އެކަމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސްކުރެއެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެއަށް ބޭސް އެތެރެކުރާ ޕޯޓުތައް އިންސްޕެކްޓްކުރުން އިތުރަށް ވަރުގަދަކޮށް، މި ބޭސްތައް އެތެރެވިޔަނުދިނުމަށްޓަކައި މަސައްކަތްކުރާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

ބޭހާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.