ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން ސައުދީއާއި ރާއްޖެއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއި ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު ސައުދީއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

މިނިސްޓަރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވޭނެ ކަންތައްތަކާ މެދުގައިވެސް މަޝްވަރާ ކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި މިނިސްޓަރު ސައީދު ސޮއި ކުރެއްވިއިރު ސައުދީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓާ އޮފް ކޮމާސް މަޖީދު ބިން އަބްދުﷲ ބިން އުސްމާން އެވެ.

ދާދިފަހުން ރައީސް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު، ޕްރިންސް ފައިސަލް ބިން ފަރްހާދް އަލް-ސައޫދްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ފިސްކަލް ރިފޯމާއި ތައުލީމާއި ސިއްހަތާއި އިގްތިސާދީ ތަރައްގީއާ އަދި ހައްޖުގެ އަޅުކަމާގުޅޭ ކަންކަން ފަދަ ދިވެހިރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތަކާ ގުޅޭ މަޝްވަރާތައް ރައީސް ވަނީ ކުރައްވާފައެވެ.

އަދި އެ ގައުމުގެ ހާރިޖީ ވަޒީރުވެސް ވަނީ އެގައުމުގެ ސަރުކާރުން އެކިއެކި ދާއިރާތަކުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަން އެގޮތުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.