ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައިފިއެވެ.

އެކަން ހާމަކޮށް އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޯނަސް ދޭން ނިންމާފައިވަނީ މިދިޔަ އަހަރު އެއްކޮށް މަސައްކަތްކޮށް ވަޒީފާ އަދާކޮށްފައިވާ ކޮންމެ މުވައްޒަފަކަށް ކަމަށެވެ.

އެގޮތުން 2023 ވަނަ އަހަރު އެކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން 6 މަސްދުވަހު މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ހަމަޖެހިފައި ވަނީ ޕްރޯ ރާޓާގެ އުސޫލުން ކަމަށް ވެއެވެ.

މިއުސޫލުގެ ދަށުން ބޯނަސްދޭނީ ހިދުމަތަށް ނުކުމެފައިވާ ދުވަސްތަކުގެ ނިސްބަތަށް ބަލައިގެންނެވެ. މިގޮތުން ބޯނަހުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދިނުމަށް ކުންފުނިން ވަނީ ނިންމާފަ އެވެ. އެމްއޭސީއެލްއިން ބުނީ އެންމެ ލަސްވެގެން މިދިޔަ އަހަރުގެ ބޯނަސް މިމަހުގެ 13 ގެ ކުރިން ޖަމާކުރެވޭނެ ކަމަށެވެ.

2021 ވަނަ އަހަރުވެސް އަހަރީ ބޯނަސްގެ ގޮތުގައި އެމްއޭސީއެލްއިން ވަނީ ޕްރޯ ރާޓާގެ އުސޫލުން ކޮންމެ މުވައްޒަފަކަށް 25000 ރުފިޔާ ދީފަ އެވެ.