ކެއްސާތީ ބޭނުންކުރާ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕް ބޭނުން ކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދީފިއެވެ.

ކޮފްސީ ސިރަޕްފައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވި، މި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މިކަންތައް އިތުރަށް ބެލުމަށް މި ބޭސް ބޭނުން ކުރުން އެމްއެފްޑީއޭ އިން ވަގުތީ ގޮތުން މަނާ ކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

އެމްއެފްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާކެޓުން ލިބެން ހުރި ކޮފްސީ ސިރަޕްގެ ސާމްޕަލް ތައް ނަގާ ޓެސްޓު ކުރެވިފައިވާކަމަށެވެ. އެގޮތުން މި ސާމްޕަލް ތަކުގެ ނަތީޖާ އިން ބޭހުގައި މައްސަލައެއް ނެތް ކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

އެއާއެކު ކުރިއެކޭވެސް އެއްގޮތަށް މި ބޭސް އިމްޕޯޓު ކުރުމާއި، ވިއްކުމާއި އަދި ބޭނުން ކުރުމުގެ ހުއްދަ އެމްއެފްޑީއޭ އިން ވަނީ ދީފައެވެ.

އެމްއެފްޑީއޭ އިން ވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅާ މައުލޫމާތު ސާފު ކުރުމަށް އެދިފައެވެ.

މި ބޭހަކީ އިންޑިއާގެ ޗެންނާއީގެ ކުންފުންޏަކުން އުފައްދާ ބޭހެކެވެ.