އިންގްލިޝް ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައަށް ލިވަޕޫލް އަރައިފިއެވެ.
ލިވަޕޫލް އެއްވަނައަށް އެރީ މިރޭ ވުލްހެމްޓަން ވޮންޑަރާސް 2-1 އިން ބަލިކޮށްގެންނެވެ. ވުލްވްޒްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރީ ވެސް އެޓީމުންނެވެ.
އެހެން ނަމަވެސް ލިވަޕޫލްގެ ގޯލަށް ނުރައްކާވާ ފަދަ މާ ގިނަ ހަމަލާއެއް އެޓީމަށް ނުއުފެއްދުނު އިރު ލިވަޕޫލުުން ވަނީ މެޗުގެ 20 ވަނަ މިނެޓުން ފެށިގެން ކުޅުން ވަރުގަދަކޮށްފައެވެ.
އަދި މެޗުގެ ފުރަތަމަ ހާފް ނިމެން ދަނިކޮށް އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ފޯވަޑް ޑިއޭގޯ ޖޮޓާ ނަގާ ދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު އިބްރަހީމާ ކޮނާޓޭއެވެ. މިއީ ލީގުގައި ކޮނާޓޭ ލިވަޕޫލަށް ޖަހާ ދިން ފުރަތަމަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލް ކުޅުނު އިރު އެޓީމުގެ ޑިފެންސަށް ހެދުނު ގޯހަކުން ވުލްވްސްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު އާޔަތް ނޫރީއެވެ.
އެހެން ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ލިވަޕޫލުން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިބުނު ޕެނަލްޓީއަކުން ފޯވަޑް މުހައްމަދު ސަލާހެވެ.
މިމެޗުން މޮޅުވެ ލިވަޕޫލް މިވަނީ ކުޅުނު 6 މެޗުން 15 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނަ އަށް އަރާފައެވެ.
ޗެލްސީގެ ކޯލް ޕާމާއަށް ރިކޯޑެއް، އާސަނަލްއަށް މޮޅެއް
މިރޭ ކުރިން ކުޅުނު އެއް މެޗުގައި ޗެލްސީގެ މިޑްފީލްޑަރު ކޯލު ޕާމާ ވަނީ އާ ރިކޯޑެއް ހޯދާފައެވެ. ބްރައިޓަންއާ ވާދަކުރި މިމެޗު 4-2 އިން ޗެލްސީ ކާމިޔާބުކުރި އިރު ޗެލްސީގެ ހަތަރު ލަނޑު ވެސް ޖެހީ ޕާމާއެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ކުޅުންތެރިއަކު މެޗުގެ ފުރަތަމަ ހާފްގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މިރޭ އާސަނަލް ވެސް މޮޅުވިއެވެ. އާސަނަލްގެ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު އާސަނަލް 2-0 އިން ކުރީގައި އޮތް ނަމަވެސް ލެސްޓާއިން ދެވަނަ ހާފްގައި ނަތީޖާ އެއްވަރު ކުރިއެވެ.
އާސަނަލްއިން މެޗުގެ ފަހު ވަގުތު ފުލުފުލުގައި ޖެހި ދެލަނޑާއެކު 4-2 އިން މެޗު ކާމިޔާބުކުރި އެޓީމު މިވަނީ ތާވަލުގެ ތިން ވަނައަށް އަރާފައެވެ.