ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުން އެހީތެރިވާނެ ކަމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ޝައިހް އަބްދުﷲ ބިން ޒާއިދު އާލް ނަހްޔާނާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދެއްވަައި ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރައްވާފައެވެ.
އެއާއެކު ޔޫއޭއީ ގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު ވިދާޅުވީ ރާއްޖެއަށް އެހީތެތިކަން ފޯރުކޮށްދެވެން އޮތް ކޮންމެ ދާއިރާއަކުންވެސް އެހީތެރިވުމަށް ޔޫއޭއީ އިން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މުހިއްމުކަންވެސް ހާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ހާއްސަގޮތެއްގައި އިގްތިސާދީ ތަރައްގީއާއި، އިންވެސްޓްމަންޓް އަދި ސިއްހީ ދާއިރާގެ ކުރިއެރުމަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފާހަކުރެއްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގަައި އޮތް ސިޔާސީ ގުޅުން ހަރުދަނާކޮށް ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރެއްވުމާއެކު އެއްބާރުލުން ދެއްވާނެކަމަށް ރައީސް މުއިއްޒަށް ޔޫއޭއީ އިން ވަނީ ޔަގީން ކަން އަރުވާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އދ ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.