ފާއިތުވި 8 މަސް ދުވަހު ސްކޭމްގެ އެކިއެކި މައްސަލަތަކުން ގެއްލުނު 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އަހުމަދު ޝިފާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލިގައިވާ 2.2 މިލިއަން ރުފިޔާ ފުލުހުން ހޯދާފައިވާ ކަމަށެވެ.
"ހިތާމައަކީ ގިނަ ބަޔަކު ސްކޭމަރުންގެ ޝިކާރައަކަށްވެ އެމީހުންގެ ސްކީމްތަކުގެ ޝިކާރައަކަށް ވުމެވެ" ޝިފާންގެ ކުރު ޕޯސްޓުގައި ވެއެވެ. ފަހަކަށް އައިސް ރާއްޖޭގައި ސްކޭމް ހިންގަމުންދާ މިންވަރު އިތުރުވެ އެމީހުން ބޭނުންކުރާ އުކުޅުތައް ވެސް ވަނީ އިތުރުވެފައެވެ.
އެގޮތުން މީސް މީޑިއާ ހެކްކޮށްގެން ފައިސާ ހޯދާފައިވާ ސްކޭމްތަކާއި، ފައިސާ މާރުކުރާ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ސްކޭމްތަކާއި، ރައްޓެއްސެއް ނުވަތަ ރަހްމަތްތެރިއަކަށް ވެގެން ފޯންކޯލް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާ ސްކޭމްތަކާއި، ސައްހަ ނޫން ސްލިޕް ހަދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ ސްކޭމްތައް ހިމެނެއެވެ. އަދި ފުލުހުންނަށް ހުށަހެޅޭ ސްކޭމްގެ މިފަދަ މައްސަލަތައް ދަނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންނެވެ.
ފުލުހުން ވަނީ ސްކޭމްގެ ޝިކާރައަކަށް ވަމުންދާ އާންމުން މަދުކުރުމަށް 'ސްކޭމް ސެންޓާ' އެއްވެސް ގާއިމް ކޮށްފައެވެ. އެ ސެންޓަރު ގާއިމް ކޮށްފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ބަލައިގެން ކަމަށާއި ރާއްޖެއަށް މިހާރު އެޑަޕްޓުކުރަމުން އަންނަނީ ސިންގަޕޫރުގައި ގެންގުޅޭ ސިސްޓަމަށް ކަމަށްވާއިރު ފުލުހުން ވެސް ވަނީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރި ކުރުމަށް އެކިއެކި މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރު ސްކޭމްއާ ގުޅުން ހުރި 1،661 މައްސަލަ ރިޕޯޓް ކޮށްފައި ވާއިރު އެ ސްކޭމްތަކުގެ އަގު 20 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސްކޭމްގެ 1302 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން މައުލޫމާތު ހިއްސާކޮށްފައެވެ.