ދެމީހުން އެކީ ފާޚާނާއަށް ވަތް އިރު ހީވަނީ އެކަތި ގަނޑެއްހެންނެވެ. މާގަނޑު ދަށަށްވަދެ މާގަނޑު ދޫކޮށްލިއެވެ. މާގަނޑު ފައިބަމުންދިޔަ ފެންތަކުން އެ ދެހަށިގަނޑު ތެއްމާލިއެވެ.
*** *** *** *** *** ***
ފެނުގެ ތެރޭގައި ހުރި ފަތްތައް ނަގައިގެން ސަކޭރާ ލެފިގަތީ އޭނާގެ ބޭސްތައް ތައްޔާރު ކުރާށެއެވެ. ސަކޭރާއަކީ ޖިންނީންގެ ތެރޭގައި އެކި ކަހަލަ ބޭސްތައް ތައްޔާރު ކުރާ ބޭސްވެރިއެކެވެ. މަންޝާއަށް ދޭންޖެހޭ ބޭސްތައް ތައްޔާރު ކުރަން ޒިބާން ގާތު ގެނެސްދޭން ސަކޭރާ އެދުނު ތަކެތި ހަމައަށް ޒިބާން ގެނެސްދީފައި ހުއްޓެވެ. ސަކޭރާ ގާތުގައި ޒިބާން ހުރީ އޭނާ ކުރަމުން ދިޔަ މަސައްކަތްތަކަށް ބަލާށެވެ.
"ޒިބާން... އޭނި ރަތްކުލައިގެ ފުޅި ދިއްކޮށްލަބަލަ... ޒިބާން...." ސަކޭރާ ޒިބާނަށް ގޮވާލިއެވެ. ނަމަވެސް ޒިބާނަށް ސަކޭރާ އެ ދެއްކި ވާހަކަ އަޑު ނީވޭ ކަހަލައެވެ.
ޒިބާނަށް ސިހުންވީ އޭނާގެ އަތުގައި ސަކޭރާ ހިފާލުމުންނެވެ. "ޒިބާން... ކޮން ފިކުރެއްގަ... ކިހިނެއް ވެފަ ތިހުރީ... ކޮން ކަމަކާ ތި ވިސްނަނީ... މަންޝާއަށް ސަލާމަތް ކޮށްދޭނަމޭ ބުނީމެއްނު.. ދެން އެހާ ބޮޑަށް ފިކުރު ނުކުރޭ..."
"އަހަރެންނަކަށް ނޭނގެ މިވާ ގޮތް ކިޔައިދޭކަށް... ބޮޑުދައިތަ ކައިރިއަށް ޒޭބާ ނާދޭތަ؟... އޭނާ ވީ ތަނެއް ނޭނގޭތީ އެންމެ ބޮޑަށް ޖެހިލުން ވަނީ..." ޒިބާން ވިސްނުމެއްގައި ހުރެ ވާހަކަ ދެއްކިއެވެ. އޭރު ސަކޭރާ ދުރުގައި ހުރި ރަތްކުލައިގެ ބިއްލޫރިފުޅި ހިފައިގެން މަސައްކަތްކުރަން ހުރި މޭޒާ ކައިރިވިއެވެ.
"އާން ކިތަންމެ ދުވަހެއް؟... ނޭނގެ ކިހިނެއްވެގެން ކަމެއް އެ އުޅެނީކީ... އެމަންޖެ ނާންނާތީ އަަހަރެންވެސް މިހުރީ އަޖައިބުވެފަ... އޭނަ ގައިގަ އެ ހުންނަނީ އޭނަގެ މަންމަގެ ގޮތްގަނޑު..." ސަކޭރާ އަތުގައި ހުރި ހުދުކުލއިގެ ފެންތައްޓަކަށް އެ ރަތްކުލައިގެ ފުޅިން ތިންވަރަކަށް ތިކި ޖަހާލަމުން ވާހަކަ ދެއްކިއެވެ.
"މަންޝާއަށް ހާދަ އުނދަގޫވާނޭ.... އޭނަގެ ފިރިމީހާގެ އަތުގަ އެބަ އޮތް ވަރުގަދަ ތަވީދެއް... އަހަންނަށް މިވާ އިހްސާސަކީ މަންޝާއަށް އެ ތަވީދުން އުނދަަގޫތައް ވާތީ ވާގޮތެއް ކަންނޭނގެ.... މަންޝާއާ ދޭތެރޭ ހަމަ ވިސްނެނީ..." ޒިބާންގެ ވާހަކަ މެދުކެނޑުނީ އެމީހުން ތިބި ތަނަށް އަލިކަމެއް ފާޅުވުމުންނެވެ. ހުދު ކުލައިގެ ހެދުމެއްގައި ހުރި ބިޔަ މީހެކެވެ. އޭނާގެ އެހެރީ ޒިބާނަށް ލިބިފައިވާ އިސްކޮޅާއި ރޫފައެވެ. އެމީހާގެ ވެސް އޮތީ ޒިބާންގެ އޮންނަކަހަލަ ހުދު ފަން އިސްތަށިކޮޅެކެވެ. ނަމަވެސް އެމީހާއަކީ ހަމުގެ ކުލަ އަލި މީހެކެވެ.
ސައިބްރޯތުކަަން އެނގުމުން ޒިބާން މަޑުމަޑުން ފަހަތަށް ޖެހުނެވެ. ސަކޭރާ ކުރަމުން ދިިޔަ މަސައްކަތް އެހިސާބުން ހުއްޓާލާ އެއްފަހަރު ޒިބާނަށް އަނެއްފަހަރު ސައިބްރޯތާ ދިމާއަށް ބަލާލިއެވެ. ސަކޭރާގެ މޫނުމަތިން ވެސް ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ.
"ސަކޭރާ އަދިވެސް ޒިބާނަށް އެހީވަނީތަ؟... ތި ތައްޔާރު ކުރަނީ ކޮން ބޭހެއްކަން އަހަންނަށް އެނގޭ... ޒިބާން ގާތު ތިކަން ނުކުރާށޭ ބުނީމަ ވެސް ގޮތް ދޫކުރާ ގޮތެއް ނުވި... ކައޭޝާ ގޮތަށް ހަމަ ބޯހަރުވީމަ ވާ ގޮތަކީ.. އެކަމަކު ހަނދާން ކުރާތި ޒިބާނަށް ދިމާވާ އެއްވެސް ނުރައްކަލެއްގަ އެހީވާން މި އާއިލާއިން އެކަކު ވެސް ނުދާނެ... އަހަރެމެންނަކީ އިންސާނުންނަށް އުނދަަގޫ ކުރާ ބައެއް ނޫން... ދެން ޒިބާން އެކަން ގަބޫލު ނުކޮށް ތިއުޅެނީ ކީއްވެތަ؟... އަހަރެމެން ހެއްދެވި ފަރާތަށް ބިރުވެތި ވާން ޖެހޭކަން ޒިބާނަށް ނޭނގެނީ ކީއްވެތަ؟.. ބައްޕަަ ދޭ ނަސޭހަތް ގަބޫލު ނުކުރާތީއޭ މިހުރިހާ ކަމެއް މި ދިމާވަނީ... ހަނދާންކުރާތި ސަކޭރާ އެ އިންސާނާއަށް އެހީވާން އެމީހުންގެ ގާތަށް ނުދާާތި..." ސައިބްރޯތު ބުނަން ބޭނުން ހުރިހާ ވާހަކައެއް ދައްކާ ނިއްމާލުމަށްފަަހު އެނބުރި އެތަނުން ނިކުންނަން ހިނގައިގަތެވެ.
"ބައްޕާ.. އަހަރެންނަށް މާފްކުރޭ!.. އަހަރެންނަށް އިންސާނެއް ދެކެ ލޯބި ވެވިއްޖެ... އަހަރެން އޭނަަ މޮޔައެއް ނުކުރަން... އަހަރެންގެ ބާރުގެ ދަށަކަށް ވެސް ނުގެންނަން... އަހަަރެންގެ ހަގީގަތް އެނގި ހުރެ އަހަރެންދެކެ މަންޝާ ވަރަށް ލޯބިވޭ... މި އާއިލާއާ ބައްދަލުކުރަން ވެސް އޭނަ ހުރީ ތައްޔާރަށް... އަހަންނަަށް އޭނާއާ ނުލާ ނޫޅެވޭނެ..." ޒިބާންގެ އަޑު ސައިބްރޯތުގެ ކަަންފަތުގައި ޖެހުމުން އޭނާގެ ފިޔަވަޅު މަޑުކޮށްލިއެވެ.
"ޒިބާނަކީ އަހަރެންގެ އެންމެ ހަގު އަަނބީގެ ދޮށީ ދަރި... އަހަރެންގެ މި ބޮޑު އާއިލާގެ އެތައް ދަރިންނެއް އެބަ ތިބި... އޭގެތެރެއިން އެއްބަޔަކު ނެތިގެން ދިޔައީ އިންސާނުންގެ ގާތަށް ގޮސް އުޅުމުގެ ތެރޭގައި އިންސާނުންނާ ގާތްވުމުން... އެހެންވެ މި ބުނަނީ.. ތިކަން ހުއްޓާލާށޭ.... ބައްޕަ ބުނިހެން ތަޒްކިޔާއާ ކައިވެނި ކުރި ނަަމަ ކިހާ ރަނގަޅުވީސް... ތަޒްކިޔާ ޒިބާނާ ނުލާހިކު ގުޅޭނެ.... އަދިވެސް ތަޒްކިޔާ ހުރީ އެގޮތުގަ..." ސައިބްރޯތު މިހެން ބުނެ އޭނާ އެތަނުން މައްޗަށް އަރައިގެން ދިޔައެވެ.
"ތަޒްކީއޭ... އަހަންނަކަށް ނުވެސް އިނގޭ... ދެން ލޯބިވާ މީހަކާ އެކީއެއް ނޫންތަ އުޅެވޭނީ... އެހެންވެތަ ތަޒްކީ އަހަންނަށް ފާރަލަނީ..." ޒިބާން އައިސް ސަކޭރާ ކުރިމައްޗަށް ހުއްޓެމުން ހަށަން ބަނދެލިއެވެ.
"ތަޒްކީގެ ވާހަކަ ބުނަން އަހަރެންނާ ހަވާލުކުރީ.. އެވާހަކަ ބުނަން ދިޔަ ވަގުތު ޒިބާން މަންޝާގެ ވާހަކަ ދެއްކީމަ އަހަރެން އެވާހަކަ ނުބުނެ މިހުރީ... އަހަންނަށް އެނގުނު ޒިބާން ތި ގޮތް ދުލެއް ނުކުރާނެކަަން...." ސަކޭރާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އޭނާ ކުރަމުން ދިޔަ މަސައްކަތަށެވެ. ފުޅިއެއްގެ ތެރޭގައި އިން ހުދު ކުލައިގެ މަލެއް ނަގާ ވަނެއްގެ ތެރެއަށްލާ ޗިސްކުރަމުން ދިޔަ ސަކޭރާއަށް ޒިބާން ހުރީ ބަލާށެވެ.
"މަންޝާ އެއީ ވަރަށް ތަފާތު ކުއްޖެއް... އޭނަ އެއީ ވަރަށް ހިތްހެޔޮ ރަނގަޅު ކުއްޖެއް... ރަނގަޅޭ މި ބުނީ.... ވަރަށް ރަނގަޅު ކުއްޖެކޭ... އޭނަ ހަމަ ތަފާތީ... އެކަމަކު ޒޭބާ ވީތަނެއް ވެސް ބަލަން ވެއްޖެ...." ޒިބާންގެ ވާހަކަ މެދުކަނޑާލީ ޒިބާންގެ އަތަށް ސަކޭރާ ދިއްކޮށްލި ހުސް ފުޅީގައި ހިފަމުންނެވެ. ޒިބާން ބަލާލީ ސަކޭރާގެ މޫނަށެވެ.
"ޒިބާން... އަދި ކަޅު ދިރި ކޮޅެއް ބޭނުން....." ސަކޭރާގެ އެދުމަށް ޒިބާން އެފުޅި ހިފައިގެން އެތަނުން ނިކުތެވެ. ޒިބާން ތިރިއަށް ބަލާލީ ދެ ހިތެއްގައި ހުރެއެވެ. ބައްޕަގެ ރުހުން ނުލިބޭތީ ޒިބާން ހުރީ އެކަމާ ވަރަށް ދެރަވެފައެވެ.
*** *** *** *** *** ***
ރޮއި ރޮއި ދުޅަވެފައިވާ މޫނަށް އަފްނާނު ބަލާލިއެވެ. ފާޚާނާއަށް ވަދެ ފެންފޮދަކުން މޫނު ދޮވެލި އިރު އަފްނާނަށް އޭނާގެ މޫނު ފުސް ބުރާފައިވާ ލޯގަނޑުން ފެނުނެވެ. ބައްޕަ މަރުވާން ޖެހުނީ އަފްނާނުގެ ސަަބަަބުން ކަމަށް އޭނާއަށް ވިސްނުނެވެ. އެހެންކަމުން އަދިވެސް އޭނާ ދިޔައީ އަމިއްލަ ނަފްސު ކުށްވެރި ކުރަމުންނެވެ. އަފްނާނުގެ ސިކުނޑިއަށް ވަނީ ބާރުކޮށްފައެވެ. ބޭރަށް ނިކުންނަން ބޭނުން ނުވާތީ އޭނާ ގަސްތު ކުރީ ދުވަހުގެ ބާކީބައި އެ ކުޑަ ކޮޓަރި ތެރޭގައި ހޭދަ ކުރާށެވެ.
ރޭގަ އަފްނާނަށް ނިދޭ ގޮތެއް ވެސް ނުވިއެވެ. މުނީރާ ބުނި ބަސްތައް އޭނާގެ ސިކުނޑީގައި ހަރުލާފައި ވިއެވެ. ހެނދުނުވީ ވެސް އެ ހިޔާލުތަކުގައި އަފްނާން ނުނިދާ ރޯން އޮއްވައެވެ. ފާޚާނާ އިން ނިކުމެގެން އައިސް އެނދުކޮޅުގައި އަޅުވާފައި އޮތް ތުވާލިން މޫނު ހިއްކާލިއެވެ. އެވަގުތު އެނދުމަތީގައި އޮތް އަފްނާނުގެ ފޯނު ރިންގްވިތަން އޭނާއަށް ފެނުނެވެ. އެ ގުޅަނީ އަފްނާން ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އަފްނާން ބަހެއް ނުބުނެ ހުރީ އެކޮޅުން ގުޅި މީހާ ވާހަކަ ދައްކާތޯއެވެ.
އަފްނާާނަށް އިވުނީ ފިރިހެނެއްގެ އަޑެވެ. މަޑުމަޑުން ޖަވާބުގައި ހަލޯއޭ ބުނެލުމުން އެ ޒުވާނާ އަފްނާނަށް ގޮވާލިއެވެ. އަފްނާނުގެ ނަމުން މުޚާތަބު ކުރުމުން އެއީ އަފްނާން ދަންނަ މީހެއްކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އެއީ ކާކުތޯ ބަލަން އަފްނާނު ސުވާލުކުރީ ދެ ހިޔާލެއްގައި ހުރެއެވެ. އެ ފޯނު ކޯލަށް ޖަވާބުދެމުން ދިޔަ ޒުވާނާގެ ވާހަކަތައް އަޑުއަހަން ހުރި އަފްނާނުގެ ހިތް އަަވަސްވެ އެތައް އުނދަގޫތަކެއް ވަމުން ދިޔައެވެ. ކަރުގައި އަޅާފައި އޮތް ރިހި ފަށުގައި އިނގިލި އަޅުވައިގެން ހުރި އިރު އޭނާގެ މޫނު ރަތްވަމުން ދިޔައެވެ. އެކޮޅުން ދައްކަމުން ދިޔަ ވާހަކަތަކުން އޭނާ ލަދުގަތެވެ. ދެލޯ މަރާ ފިއްތާލައިގެން ހުރީ ދޭނެ ވަކި ޖަވާބެއް އެނާއަށް ނުވިސްނޭތީއެވެ.
ފޯނުގައި ހުރި އަަފްނާނަށް ސިހުމެއް ލިބުނީ އެކޮޓަރި ތަޅުގައި މީހަކު ހިފާލި އަޑު އިވުމުންނެވެ. ދޮރާ ދިމާއަށް އަފްނާނު ބަލާލީ ޖެހިލުންވެ ހުރެއެވެ. ދެން އިވުނީ ދޮރުގައި ޓަކި ޖަހާލިއަޑެވެ.
"ހަލޯ... މިވަގުތު ފޯނު ބޭއްވީ... އަހަރެން ފަހުން ގުޅާނަން.. ތިވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި... ޕްލީސް.. ތިކަން އަހަންނަށް ސިއްރު ކޮށްދީ..." ފޯނު ކަނޑާލުމަށްފަހު އަފްނާން އޭނާގެ ފޯނު ބާލީސް ދަށަށް ކޮށްޕާލިއެވެ. އަދި ކޮޓަރީގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭރު މަދީހާ ދޮރު ކައިރީ ހުރެ އަފްނާނަށް ގޮވަމުން ދެވަނަ ބުރަށް ޓަކި ޖަހާލިއެވެ.
ކޮޓަރީގެ ދޮރު އަފްނާން ހުޅުވާލިއެވެ. އެ ކޮޓަރި ތެރޭގައި ވަނީ އަނދިރިކަމެވެ. އަފްނާން ގާތުގައި ސައިބޯން އައުމަށް މަދީހާ އެދުނެވެ. އަފްނާން ބަނޑުހައި ނުވެއޭ ބުނެ ދެއަތަށް ބޯ ހޫރާލިއެވެ. އެނާ ކާން ބޭނުމެއް ނޫނެވެ. ނަމަވެސް މަދީހާ ގޮތެއް ދުލެއް ނުކުރިއެވެ. ޖޫސްތައްޓެއް ނަމަވެސް ބޯން ވާނޭ ބުނެ ޖޫސްތައްޓެއް ހިފައިގެން އަފްނާނު ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރެއަށް މަދީހާ ވަދެ ހޮޅިބުރި ދިއްލާލީ އެކޮޓަރި ތެރެއިން އެއްޗެއް ނުފެންނާތީއެވެ.
އަލިވުމުން އަފްނާން އޭނާގެ ދެލޯ ހަނިކޮށްލަމުން ހޮޅިބުރިއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ލޮލަށް އުނދަގޫވާތީ އޭނާގެ ލޮލަށް އެޅެމުން ދިޔަ ހޮޅިބުރީގެ އަލިން ސަލާމަތްވުމަށެވެ. މަދީހާ ގެނައި ޖޫސްތަށި ބޮއި ނިމިގެން އަފްނާނު އެނދުގައި އޮށޯތެވެ. މަދީހާ ވާހަކައެއް ދައްކަން ފަށާފާނެތީއެވެ. މަންމައާއި ބައްޕައާ ގުޅުން ހުރި ވާހަކައެއް އަޑުއަހަން އަފްނާން ބޭނުމެއް ނޫނެވެ. އެކަންތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް އަފްނާންގެ ބޯ ގޮވަން ކައިރިވެއްޖެއެވެ.
"އަފްނާން... މަންމަވީ ކާށިދޫގަ ކަން އިނގެޔެއްނު... ދެން ކީއްވެ ބޭރަށް ނުނިކުމެ ތި އޮތީކީ.... މަންމަ ބުނި މާދަމާ އަންނަ ވާހަކަ..." މަދީހާ އަފްނާންގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އަފްނާނަށް އޭނާގެ މަންމަ ރޭގަ ރަށަށް ފުރިކަން އެނގެއެވެ. ހަސަނުގެ މަރާ ގުޅިގެން ރަށުގައި ތިބި ހަސަނުގެ އާއިލާ މީހުން ގުޅުމުން މުނީރާ ފުރީ އޭނާގެ އެއްވެސް ކުއްޖެއް ނުލައެވެ. ކުދިންނަށް ބައްޕަ އޮތް ހާލު އަންގަން ބޭނުން ނުވާތީ ކަމަށް މުނީރާ ބުނެ ރަށަށް ދިޔައީ އެކަނިމާ އެކަންޏެވެ.
އަފްނާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަފްނާން ހިތްދަތިވާނެވަރު މަދީހާއަށް އިހްސާސްވާ ކަހަލައެވެ. އެހެންވެ މަދީހާ ވެސް ބޭނުންވީ އަފްނާން އެކަނި ބާއްވާށެވެ. ޖޫސްތަށި ބޯލުމުން ވެސް މަދީހާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަފްނާންގެ ބޮލުގައި ފިރުމާލުމަށްފަަހު މަދީހާ އެ ކޮޓަރިން ނިކުތުމަށް ހިގައިގަތެވެ.
ކޮޓަރީން ނިކުތް މަދީހާގެ ފަހަތުން ދޮރު ލެއްޕެން ދެން އަފްނާން އޮތީ ބަލާށެވެ. ދޮރު ލެއްޕުމާ އެކީ އަފްނާން ބޯ އަޅަައިގެން އޮތް ބާލީސް ދަށަށް އަތް ކޮށްޕާލިއެވެ. ބާލީސް ދަށަށް ލީ ފޯނު އަފްނާނު ނެގިއެވެ. އަދި ކުރިން ގުޅި ނަންބަރަށް ގުޅަން ޑައަލް ކޮށްލިއެވެ.
އެކޮޅުން ފޯނުނެގުމާ އެކީ އަފްނާން ވާހަކަ ފެށިއެވެ. "ހަލޯ.... އަހަރެން ކޮންމެވެސް ގޮތެއް ހޯދައި ދީ... މިހެން އަހަރެން ކިހިނެއް އުޅޭނީ...." އަފްނާންގެ އަޑުގައި ވޭނީ ރިހުމެއް ވިއެވެ. އޭނާގެ ވާހަކަ ދެއްކުން އަވަސްވެފައި ކުރެވެ. ހީވަނީ ކަމަކާ ވަރަށް ބޮޑަށް ހާސްވެފައި އޮތް ހެނެވެ.
"އަފްނާން ބޭނުމިއްޔާ އަހަރެން މިހުރީ އަފްނާނަށް އެހީވާން... ހަދަންވީ ގޮތާ ދާންވީ އެޑްރެސް އަހަރެން މެސެޖް ކުރާނަން... ހުރިހާ ކަމެއްވެސް އޯކޭވާނެ... ދެން ބޭއްވީ... މިވަގުތު ވަރަށް ބިޒީ..." ފޯނުން އެމީހާ ވާހަކަ ދައްކާ ނިއްމާލިއިރު އަފްނާނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އުއްޑުން އޮތް އަފްނާން ނިތްކުރި މައްޗަށް އެއް އަތް ވައްޓާލައިގެން އޮތީ އެމީހާގެ މެސެޖއް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.
*** *** *** *** *** ***
އިންތިޒާރުކޮށްގެން ހުރި ވަގުތު އައިސް ޖެހުނީއެވެ. މަންޝާ ކުރީބައިގައި ފާޚާނާއިން ނިކުތީ ބޮޑު ބޭނުމެއް ގައެވެ. ނައިޓީ މަހާލުމަށްފަހު ތެމިފޯވެފައިވާ އިސްތަށިގަނޑު ތުވާއްޔާ އެކީ އޮޅާލަމުން ލޯގަނޑު ކުރިމަތީ ހުއްޓި މަންޝާގެ ސޫރައަށް ބަލާލިއެވެ. ލޯގަނޑުން ފެންނަމުން ދިޔައީ މަންޝާގެ ސޫރައެއް ނޫނެވެ. ލޯގަނޑުން ފެންނަމުން ދިޔައީ ޒޭބާގެ ސޫރައެވެ. އޭރުވެސް އަަޒީމްވީ ފާޚާނާގައެވެ.
މަންޝާ ކޮޓަރިން ބޭރަށް ނިކުތެވެ. އެވަގުތު މަންޝާ ހަށިފުރާ ނޭވާއެއް ދަމާލިއެވެ. ކޮޓަރި ދޮރު ލައްޕާލަމުން މަންޝާ މިސްރާބުޖެހީ ބަދިގެއާ ދިމާއަށެވެ. އޭރު މުޅި ގޭތެރޭގައި ހިއްޕާލާފައި ވަނީ މަސްވަހެވެ.
އަޒީމް ފާޚާނާއިން ނިކުތީ މަންޝާއަށް ފަސޭހަ ކޮށްދޭން ފާޚާނާ ދޮވެލާފައެވެ. ކޮޓަރިއަށް ނިކުމެ ބަލާލި އިރު މަންޝާ ފެންނަން ނެތުމުން އަޒީމަށް މަންޝާ ވީ ބޭރުގައި ކަން އެނގުނެވެ. ގޭގައި ލާން އުޅޭ ޝޯޓުބުރި މަހާލައިގެން ތުވާލިން ބޯ ހިއްކަމުން އަޒީމް ބޭރަށް ނިކުތެވެ. ދޮރު ހުޅުވާލުމާ އެކީ އިވިގެންް ދިޔައީ ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމްގެ އަޑެވެ. ޓީވީ ބަލަން ސޯފާގައި މަންޝާ އިނީ ދެފައި ވަށްކޮށްލައިގެންނެވެ.
އަޒީމް ނިކުތުމާއެކީ އަޒީމާ ދިމާއަށް މަންޝާ ބަލާލިއެވެ. ލުއި ހިނިތުންވުމެއް ރައްދުކޮށްލަމުން މަންޝާ ޓީވީއާ ދިމާއަށް އަނެއްކާވެސް ބަލާލިއެވެ. އަޒީމް އަނބުރާ ކޮޓަރިއަށް ވަނީ ތުވާލި ބާއްވާށެވެ. ތުވާލި ބާއްވާފައި ބޭރަށް ނިކުމެ މަންޝާ ގާތު މަސްފިހަން ލޮނުމިރުސްގަނޑެއް ހަދަން އެދުނެވެ. އަދި ބަދިގެ ސިންކާ ގާތްވެލިއެވެ. އަޒީމަށް ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ. ސިންކު ތެރޭގައި އަޒީމް ބާނައިގެން ގެނައި ފަރުމަސް އޮތީ ނޮޅާ ހަފުސް ކޮށްލާފައެވެ. މަސް އޮތް ގޮތުން ހީވަނީ އެމަސް ނޮޅާއިގެން ކައިފަ ހުރި ހެނެވެ. ކަށިފަތި ވެސް އޮތީ ފެންނާށެވެ.
"މަންޝާ.... މި މަހަށް ކިހިނެއް ހަދާފަ މިއޮތީ... އަހަރެން މަސް ގެނައީ ވަރަށް ރީއްޗަށް ސާފުވެސް ކޮށްލައިގެން... ހުޅުނބުކަހާ މަހުގަ ޅިޔަ އަޅައިގެން.. އެކަމު ބަލަ މި މަސް އޮތް ގޮތް....." މަހުގެ ނިގުލުގައި ހިފައިގެން ހުރެ އަޒީމް ވާހަކަ ދައްކަމުން މަންޝާއާ ދިމާއަށް އެނބުރުނެވެ.
ނޭނގެއޭ ބުނާ ފަދަ ގޮތަކަށް މަންޝާ ކޮނޑު އަރުވާލަމުން ވާހަކަ ދެއްކިއެވެ. "އަޒީމް ގެއަށް ވަނީ ރަނގަޅަށް ދޮރުވެސް ނުލައްޕައެއްނު... އަހަރެން ނިކުތް އިރު މިތާ ދޮރު ބުޑުގަ ބުޅަލެއް އޮތް... އަހަރެން ނިކުތްތަނާ އޭތި ހިނގައްޖެ..."
"އެހެންތަ.. ތިވާނީ މަސްހިފައިގެން އައިސް ވަދެ ދޮރު ނުލެއްޕުނީ ކަމަށް... ބުޅާ މަސް ކާލީ ދޯ.. މަ އެވަރުން މަންޝާއަށް ކާން ދޭން މަސް ގެނައިމަ ވީގޮތް ދޯ.... ސޯ ކާން ހިނގާ ތަނަކަށް ދާން..." އެ ފަރު މަސް ކޮތަޅަކަށްލާ ގޮށް ޖަހާލުމަށްފަހު އަޒީމް އަތް ދޮވެލިއެވެ. އަދި އައިސް މަންޝާ ގާތުގަ އިށީނެވެ.
"ނޫން... ކާން އެއްޗެއް ގެންނާނީ ދޯ... އެކަމު އަހަރެން ވަރަށް ބަަނޑު ފުރިފަ މީނީ...." މަންޝާ ސޯފާއިން ތެދުވަމުން ވާހަ ކަދެއްކިއެވެ.
"އެހެންތަ... މަންޝާ ކޯއްޗެއް ކައިގެން އެހާ ފުލްވީ..." އަޒީމް ހައިރާންވެފަ އިނދެ އަހާލިއެވެ.
ސޯފާ ކައިރީ ހުރި ގުޅަ ދަޅަށް އިޝާރާތް ކޮށްލަމުން މަންޝާ ގޮސްވަނީ ކޮޓަރިއަށެވެ. އެ ދިޔައިރު ޝަހާދަތް އިނގިލިން އަނގައިތެރެއަށް ލައިގެން ހުރެ މަންޝާގެ ދަތް ކޮއްޓާލިއެވެ. ދެދަތް ދޭތެރޭ ހަރުލާފައިވާ ފަރުމަހުގެ ހަންކޮޅެއް ނެއްޓުމުން އޭތި ކޮޅުކޮލަށްލާ ހަފާލުމަށްފަހު ދިރުވާލިއެވެ. އަދި ދަތްކޮއްޓި ޝަހާދަތް އިނގިއްޔަށް ބަލާލަމުން އެ އިނގިލި އަނގަޔަށްލާ ބޯލި އިރު މީރު ކަމުން މަންޝާގެ ދެލޯ މަރާލިއެވެ.
*** *** *** *** *** ***
ދެލޯ މަރައިގެން ގަދައަށް ނިދާފައި އޮތް މީރާއަށް ހޭލެވުނީ ސިއްސައިގެން ގޮސް ކައިރީގައި މީހަކު ހުރިކަމުގެ އިހްސާސްވާތީއެވެ. ދެލޯ ބޮޑު ކޮށްލަމުން މީރާ ފުންމައިގެން ތެދުވިވަގުތު މީރާގެ ނިތްކުރި ޖެހުނީ ހަރު އެއްޗެއްގައެވެ.
"އައްދޯއި... ކިހިނެއްވީ؟..." ނިތްކުރީގައި ފިރުމަމުން ރިޔާޒް އެނދުންތެދުވިއެވެ. އޭރު ރިޔާޒް ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ކަޅު ކުލައިގެ އަތް ދިގު ގަމީހެއްގައި ބެގީ ޖަހައިގެން ހުރި ރިޔާޒް ވަރަށް ސްމާޓްވެފަ ރީއްޗެވެ. މީރާގެ ބާލީސް ކައިރީ އޮތް ފޯނު ނަގާ ގަޑިއަށް ބަލާލަމުން މީރާވެސް އޭނާގެ ނިތްކުރީގައި ފިރުމާލިއެވެ.
"ރިޔާޒް ގަޑި ޖެހެނީދޯ... ކީއްވެ އަހަންނަށް ނުގޮވީ..." ޝަކުވާގެ ރާގަކަށް މީރާ ވާހަކަ ދެއްކިއެވެ.
"މީރާ އޮތީ ނުލާހިކު ލޯބިކޮށް ނިދާފަ.. އަދި އަހަރެން ގުޑްބައި ކިސްއެއް ދޭން މިގާތްވީ... އެގަޑި ތި ތެދުވީ...." ލޯގަނޑު ކުރިމތީ ހުރެ ރިޔާޒް އޭނާގެ ނިތްކުރިއަށް ބަލާލިއެވެ.
"އަޅެ.. ސޮރީ.. ރިޔާއަށް ތަދުވީތަ... މަށަށްވެސް ވަރަށް ތަދުވޭ... މީރާއަށް ހުވަފެނެއް ފެނުނިއްޔޭ... އެހެންވާނީ..." މީރާ ތެދުވެ ރިޔާޒާ ގާތްވަމުން ވާހަކަ ދެއްކިއެވެ.
"އޯކޭ... އަހަރެން ގަޑި ޖެހެނީ.. އައި ހޭވް ޓު ގޯ... ޕްލީސް... ބީ ކެއަރފުލް.. ޑޮކްޓަރ ބުންޏެއްނު ފުލް ބެޑް ރެސްޓޭ... ކަމެއް ބޭނުމިއްޔާ ގުޅާލާ... އިނގޭ.. ފޯނު ނުނެގިއޖިއްޔާ... މެސެޖްމީ... ދަނީ..." މީރާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ރިޔާޒް އޮފީހަށް ދާން ނުކުތެވެ.
ކޮޓަރިން ބޭރަށް ރިޔާޒް ނުކުތް އިރު ބޭރު ސޯފާގައި އާމިނައާ ޟިރާރުމެން ތިބީ ޓީވީ ބަލާށެވެ. ރިޔާޒް ބޫޓު ނަގައިގެން ބޫޓަށް އަރަން މަޑުކޮށްލިވަގުތު ޓީވީން ދައްކަމުން ދިޔަ ޚަބަރަށް ސަމާލުކަން ދިޔައެވެ.
ހަސަން މަނިކުގެ މަރުގެ ވާހަކަ ދައްކަމުން ދިޔަ ވަގުތެވެ. ފުލުހުން ކުރި ތަހްގީގުން އެނގުނު ގޮތުގައި އޭނާއަކީ ދުވަހަކުވެސް މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހެއް ނޫންކަމަށާ އޭނާގެ ހަށިގަނޑުން އެފަދަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާކަން ފާހަގަ ނުވާކަމަށް ޚަބަރުގައި ކިޔައިދެމުން ދިޔައެވެ. އަދި ފުލުހުންނަށް ލަފާ ކުރެވެނީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބުންޏެވެ.
ފޯނު ނަގާ އަޒީމްގެ ނަންބަަރަށް ރިޔާޒް ގުޅާލީ އެވަގުތެވެ. މަންޝާމެން ރަށު މީހަކަށްވުމުން އެއީ މަންޝާ ދަންނަ މީހެއްތޯ އޮޅުން ފިލުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް ފޯނުގެ ރިންގް ކެނޑުނު އިރުވެސް އަޒީމްގެ ޖަވާބެއް ނުލިބުމުން ރިޔާޒް އޮފީހަށް ދާން ނުކުތީ ގަޑިއަށް ބަލާލަމުންނެވެ. އޭރު ކޮޓަރި ދޮރުން ބޭރަށް ބޯ ދިއްކޮށްގެން މީރާ ހުއްޓެވެ. މީރާ ފެނުމާއެކީ ޟިރާރު ގޮވާލިއެވެ. "ދަރިފުޅާ... ތިހޭލެވުނީދޯ.. އާދޭ ސައިބޯން..."
ސޯފާއިން ތެދުވެގެން މީރާ ކައިރިއަށް އާމިނަ ދިޔައެވެ. "މިހާރު ކިހިނެއް... ގައިގަ ރިއްސާތަ.... ދޭ ފާޚާނާއަށް ވަދެލަން... ސައިބޮއިގެން ބޭސްކައި އެތަންތަނުގަ ބޭސް އުނގުޅަން ޖެހޭނެއްނުދޯ...." އާމިނަގެ އޯގާތެރި ބަސްތަކުން މީރާގެ ހިތް ފުރުނެވެ. މިއަންނަނީއޭ ބުނެ މީރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
މީރާ އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ. ކުއްލިއަކަށް މީރާގެ ފިޔަވަޅު މަޑުކޮށްލެވުނެވެ. ފާޚާނާއަށް ވަނުމުގެ ކުރިން މީރާގެ އަތް ޖައްސާލެވުނީ އޭނާގެ އަތުގައެވެ. ތަވީދު އޮތްތޯ ޔަގީން ކުރާށެވެ.
(ނުނިމޭ)