ހުޅުމާލެ އުރީދޫ ބިލްޑިން ހުޅަނގަށް އޮންނަ މަގުން ދުއްވާފައި ދިޔަ ކާރެއްގެ ދަށުވެ، މީހަކު މަރުވި މައްސަލާގައި ކާރު ދުއްވި މީހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލްގައި ތިބި ބަންގްލަދޭޝް ދެ މީހުން ކަމުގައިވާ ޝެއިހް ޝުވައިބް އާއި މަސްއޫދު ރަނާ އަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މަރުވެފައި ވަނީ ސައިކަލު ދުއްވަން އިން މަސްއޫދެވެ.
މި މައްސަލައާއި ގުޅިގެން ކާރު ދުއްވަން އިން ކ. ކާށިދޫ ކެތި، މައުސޫމް ހަލީމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެއީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ފަރުވާ ކުޑަ އަމަލަކުން މީހަކު މަރުވުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ދައުވާކުރީ ކާރު ސިގްނަލް ނުދީ ގޯޅި އެޅި ވަގުތު، ކާރު އޯވަޓޭކް ކުރަން އުޅުނު ސައިކަލުގައި ޖެހި އެކްސިޑެންޓްވެ، ކާރުގެ ދަށުގައި މަސްއޫދު ތާށިވެފައި އޮއްވާ އޭނާގެ ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެއްސުމުގެ ސަބަބުން އޭނާއަށް އަނިޔާ ވެފައިވާތީ އާއި އެ އަނިޔާތަކުގެ ސަބަބުން އޭނާ މަރުވެފައިވާތީ އެވެ.
އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލީ ސައިކަލު ފަހަތުގައި އިން ސޮވައިބް ޝައިހު ކާރު ދަށުގައި ތާށިވެ، ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ފަހަތަށް ޖެހުމުގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުމުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ހަމައެހެންމެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލީ، މައުސޫމަށް ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރަކަށް ބޮޑެތި ގެއްލުންތައް ލިބުމުންނެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ފުރާނަ ގެއްލި އަނެއް ބައި މީހުންނަށް ދިރިއުޅުމުގައި އެކިއެކި ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައި ވެސް ވެއެވެ. ހުޅުމާލޭގައި އެކްސިޑެންޓްތައް އިތުރުވަމުންދާ މައްސަލާގައި ފުލުހުން ވަނީ ފިޔަވަޅުތަކެއް އަޅަން ވަނީ ފަށާފައެވެ.