އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ އާސަނަލް ވާދަކުރި ފޯރިގަދަ މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ 10 މިނެޓްގެ ތެރޭގައި ސިޓީއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހާ ދިނީ ފޯވަޑް އާލިންގް ހާލެންޑެވެ.

މިއީ ހާލަންޑް ސިޓީއަށް ޖަހާ ދިން 100 ވަނަ ލަނޑު/ފޮޓޯ: އެކްސް

މެޗުގެ 22 ވަނަ މިނެޓްގައި އާސަނަލްއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މި ސީޒަންގައި އާސަނަލްއާ އަލަށް ގުޅުނު ޑިފެންޑަރު ރިކާޑޯ ކަލަފިއުރީއެވެ.

އާސަނަލްގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

އޭނގެ ފަހުން ދެން ވެސް ލަނޑު ޖެހީ އާސަނަލްއިންނެވެ. މިފަހަރު ވެސް އާސަނަލްއަށް ލަނޑު ޖަހާ ދިނީ ޑިފެންޑަރެކެވެ. ގެބްރިއަލްގެ މިލަނޑާއެކު އާސސަނަލްއަށް 2-1 ގެ ލީޑެއް ލިބުނެވެ.

މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައީ މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް އާސަނަލްގެ ލިސާންޑްރޯ ޓްރޮސާޑަށް ދެ ރީނދޫ ހަމަވެ ރަތް ކާޑު ދެއްކި ހިސާބުންނެވެ.

ޓްރޮސޯޑް އަށް ދެ ރީނދޫ ހަމަވެ ރަތް ކާޑެއް ދައްކަނީ/ފޮޓޯ: އެކްސް

މެޗުގެ ދެވަނަ ހާފް އެއްކޮށް އާސަނަލްއިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. ސިޓީއިން ހަމަލާއަކަށް ފަހު ހަމަލާއެއް އާސަނަލްގެ ގޯލަށް އަމާޒުކުރަމުން ދިޔަ އިރު އާސަނަލްގެ ޑިފެންޑަރުންނާއި ކީޕަރު ޑެވިޑް ރާޔާ ވަނީ ހުޝިޔާރު މޮޅު ކުޅުމެއް ދައްކާފައެވެ.

އެހެން ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 7 މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައި ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ދެވަނަ ހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އެރި ޖޯން ސްޓޯންސްއެވެ.

މި ނަތީޖާއާއެކު ސިޓީ އަލުން ވަނީ ތާވަލުގެ އެއްވަނައަށް އަރާފައެވެ. އަދި އާސަނަލް ވަނީ ތާވަލުގެ ހަތަރު ވަނައަށް އަރާފައެވެ.