ފާއިތުވި 10 މަސް ދުވަހުގެ ތެރޭ 4،054 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑުވެ، އެ މައްސަލަތައް ހައްލު ކުރަން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެ މީހުން ވިޔަފާރި ހިންގާ ތަންތަން ބަލާ ފާސްކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. މާލެ ސަރަހައްދުގައި ފެށި މި އޮޕަރޭޝަން ފުޅާކޮށް އަތޮޅުތެރޭގައި ވެސް މި އޮޕަރޭޝަން ވަނީ ފަށާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބަހައްޓައި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުރުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިމިގްރޭޝަން ކޮންޓްރޯލާ ޝައްމާން ވަހީދު ވަނީ އާންމުންނަށްވެސް އިންޒާރު ދީފައެވެ.
ބިދޭސީންގެ މައްސަލަ މިހާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅުތައް އަޅަން ފެށިފަހުން 10 މަސް ދުވަސް ވެފައިވާއިރު އިމިގްރޭޝަނުން މިއަދު އާންމުކުރި ތަފާސް ހިސާބުތަައް ދައްކާ ގޮތުން، މިހާތަނަށް ޖުމްލަ 4054 މީހުން ވަނީ ޑީޕޯޓުކޮށްލާފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ފެށިގެން އެ މަހުގެ ނިޔަލަށް 90 ބިދޭސީން ވަނީ ޑީޕޯޓުކޮށްލާފައެވެ.
އަދި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު 202 ބިދޭސީން ޑީޕޯޓުކޮށްލާފައިވާއިރު ޖެނުއަރީ މަހު 237، ފެބްރުއަރީ މަހު 309، މާޗް މަހު 332، އޭޕްރިލް މަހު 240، މެއި މަހު 377، ޖޫން މަހު 690، ޖުލައި މަހު 461 މީހުން ވަނީ ޑީޕޯޓުކޮށްލާފައެވެ. ހަމައެެހެންމެ އޮގަސްޓް މަހު 453 އަދި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 663 މީހުން ޑީޕޯޓުކޮށްލާފައި ވެއެވެ.
މި މަސައްކަތުގެ ތެެރެއިން އާންމު ސަލާމާތާއި ސިއްހަށް ނުރައްކާ ވާ ގޮތަށް ސާފުތާހިރުކަން ކުޑަތަންތަނުގައި ކާބޯތަކެތި އުފައްދާ ބިދޭސީންގެ މައްސަލަތައް ވެސް ވަނީ ފާހަގަވެފައެވެ. އެހެންކަމުން މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ގެތައް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކޮށް އެފަދަ މީހުންނާ މެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.
ބިދޭސީންނާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދު އާންމުންވެސް ތައުރީފް ކުރަމުންދާއިރު ވަކިވަކި ފަރުދުންގެ ވެސް އެއްބާރުލުމާއި އެހީތެރިކަން މިކަމުގައި ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު ހިއްސާކޮށް އެފަދަ މީހުން ހޯދުމަށް އާންމުން ދެމުންދާ އެއްބާރުލުމަށް އިމިގްރޭޝަނުން ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.