ރާއްޖެއަށް 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރި ކުރި ޕާކިސްތާނު މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނު ރައްޔިތެއްކަމުގައިވާ އުމުރުން 49 އަހަރުގެ މޮލްވި މުހައްމަދު ހާރޫން އެވެ.

މޮލްވި މުހައްމަދު ރާއްޖެއަށް އައިއިރު ގެނައި ލަގެޖުން 2 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށް އޭނާގެ ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދި މި މައްސަލަ ތަހުގީގު ނިމި، ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި، މި ފެށޭ ހަފްތާ ތެރޭގައި ކޯޓަށް ދައުވާ ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށް ދައުލަތުން ބުނެފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުވާ ކުރެވިފައިނުވާތީ މައްސަލައިގައި ދައުވާ ކުރެވިއްޖެ ހިނދެއްގައި، މީނާ ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ދިފާއުން އެފިފައި ވާއިރު، ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލްކޯޓުން ވަނީ 20 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ކޯޓު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް އެކަށީގެންވާ މިންވަރުގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ތަހްލީލު ރިޕޯޓް، ބަޔާންތައް، ކޮންޓްރޯޅް ޑެލިވަރީ ލޮގް ހުށަހަޅާފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި މޮލްވި މުހައްމަދުގެ އިތުރުން އެހެން ފަރާތްތަކެއްގެ ބައިވެރިވުން ވެސް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.