މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް ޑާކާ) ގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކޮށްފިއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ އޭޓީއެފް ޑާކާގައި ރާއްޖެއިން ބައިވެރިވި މިއީ ފުރަތަމަ ފަހަރުކަމަށާއި، މި ފެއާ ކުރިއަށް ދާނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 23 ކުންފުންޏަކުން 37 މަންދޫބުން ވަނީ ބައިވެރިވެފައެވެ.

މި ފެއާއަކީ ބަންގްލަދޭޝްގެ މީހުންގެ މެދުގައި ދިވެހިރާއްޖެއަކީ ޗުއްޓީ ހޭދަކުރަން މަގުބޫލު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރަން ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ. އަދި މި ފެއާގެ ސަބަބުން ބަންގްލަދޭޝްގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ޓްރެވަލް އެޖެންސީތަކުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް އުފެދި އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމަށް މަގުފަހުވެގެން ދާނެ ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

މި ފެއާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޒިހުނީ ރަޝީދު ވިދާޅުވީ އެންއެޗްޖީއޭއެމް އާއި މަޓާޓޯއާއި ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

އެންއެޗްޖީއޭއެމް އާއި މަޓާޓޯއާއި ގުޅިގެން އަޅުގަނޑުމެންގެ ރަށްރަށުގެ ރީތިކަމާއި، ތަފާތުކަމާއި ދެމެހެއްޓެނިވިކަން ދައްކުވައިދޭ އިނޮވޭޓިވް މާކެޓިން ކެމްޕެއިންތަކާއި، ސްޓްރެޓެޖިކް ޕާޓްނާޝިޕްތައް އުފެއްދުމަށް މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން
ޒިހުނީ ރަޝީދު

ބަންގްލަދޭޝްގައި ކުރިއަށް ދާ މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ އަޑީގެ ހިތްގައިމު މަންޒަރުގެ އިތުރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ރާއްޖެއިން ހޯދޭނެ ތަފާތު ތަޖުރިބާތައްވެސް ހިމަނައިގެން ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 18،843 ބަންގްލަދޭޝްގެ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. ބަންގްލަދޭޝްއަކީ 14 ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ގައުމަށްވާއިރު، މިއަހަރު ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 1.6 އިންސައްތަ އައިސްފައިވަނީ އެ ގައުމުންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 38 އިންސައްތައިގެ ކުރިއެރުމެކެވެ.