ކިޔަވާ ދަރިވަރުންނަށް ދިވެހި ސަރުކާރުން ދޫކުރަމުންދާ ސްޓޫޑެންޓު ލޯނުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 473 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ރައްޔިތުން ބޭނުންވި އަވަސްމިނުގައި ފައިސާ ދޫކުރެވެން ނެތްނަމަވެސް މެދުކެނޑުމެއްނެތި މިނިސްޓްރީގެ ވަސީލަތްތައް ހުރި މިންވަރަކުން ލޯން ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަހަރު ރައީސް ނިންމަވާފައި ވަނީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދިނުންކަން ފާހަގަ ކުރައްވާ މާރިޔާ ވިދާޅުވީ އެފަދައިން އެމަނިކުފާނު ނިންމަވާފައި ވަނީ މުސްތަގްބަލަށް ކުރެވިގެންދާނެ އިންވެސްޓްމެންޓަކަށް ވާނެތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ލޯން ދިނުމަށް 1300 އަށްވުރެ ގިނަ ދަރިވަރުން ހޮވިފައިވާ ކަމަށާއި އަދި މިދިޔަ އަހަރުވެސް އެފަދަ އެތައް ކުދިންނަކަށް ލޯން ދިނުމަށް އޭރުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެ ދަރިވަރުންގެ ތެރެއިން ލޯންގެ ފުރަތަމަ ޕޭމަންޓު ދިނުމުގެ މަސައްކަތް ކުރަންޖެހުނީ މި ސަރުކާރަށް ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރުގެ ދަރިވަރުންނާއި މި އަހަރުގެ ދަރިންވަރުންނާއެކު އަދި މިހާރުވެސް ލޯންގެ ޒަރިއްޔާއިން ކިޔަވަމުންދާ ކުދިންނަށް ކޮންމެ ހަ މަހަކުން ފައިސާ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް 473 މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯންގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި އަދި މިހާރުވެސް ހުއްޓުމެއްނެތި ލޯން ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކިޔެވުމަށް ކުދިންނަށް ދޭ ލޯން ފައިސާގައި ލަސްތަކެއް ހުރީ ދަރިވަރުން ހުށައަޅާ ލިޔެކިޔުންތައް ފުރިހަމަ ނުވުމުން ކަމަށެވެ.
އަދި ހަަމައެހެންމެ ހޯދަން އެދޭ ފައިސާ އަކީ އެކަށީގެންވާ އަދަދެއްކަން ދެނެގަންނާނެ ލިޔުން ހުށައަޅާފައި ނެތުމުގެ އިތުރުން ލޯން ދޭން އިއުލާނުކޮށްފައިވާ ގައުމު ނޫން އެހެން ގައުމަކަށް ދާން ބޭނުންވުމުން ދިމާވާ ދަތިތަކަކީވެސް ލޯން ދިނުމަށް ލަސްތަކެއް ދިމާވާ ކަމެއް ކަމަށެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވިއިރު ދާދިފަހުން ލޯނަށް އެދުނު ބައެއް ދަރިވަރުން ވަނީ ކިޔަވަންދާން ފުރުމުގެ އެހެން ކަންކަން ހަމަޖެހުނު ނަމަވެސް ލޯނަށްވާ ފައިސާ ހަމަނުޖެހި ލަސްވާތީ ކަންބޮޑުވުންފާޅުކޮށްފައެވެ.